126 ގަޑިއިރު (5 ދުވަސް) ހުއްޓުމެއްނެތި ނަށައިގެން ނޭޕާލްގެ އަންހެން ކުއްޖަކު ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފިއެވެ.

18 އަހަރުގެ ބަންދަނާ ނޭޕާލްއަކީ އިރުމަތީ ނޭޕާލްގެ ރަށެއް ކަމަށްވާ ދަންކޫތާއަށް ނިސްބަތްވާ ކުއްޖެކެވެ. ބަންދަނާގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީވަނީ، އޭނާގެ ޝަރަފުގައި ޚާއްސަ ހަފްލާއެއް ބާއްވަވާފައެވެ.

ހުއްޓުމެއްނެތި އެންމެ ގިނައިރު ނެށުމުގެ ދުނިޔޭގެ ރެކޯޑް މީގެކުރީން އޮތީ އިންޑިއާގެ ކުއްޖެއްގެ އަތުގައެވެ. ކަލާމަންދަލަމް ހެމްލަތާ މިރެކޯޑް ހަދާފައިވަނީ ހުއްޓުމެއްނެތި 123 ގަޑިއިރާއި 15 މިނެޓު ވަންދެން ނަށައިގެންނެވެ. އޭނާ މިރެކޯޑް ހަދާފައިވަނީ 2011 ވަނަ އަހަރުއެވެ.

މި ރެކޯޑް މުގުރާލި ބަންދަނާއަކީ ކުޑައިރުން ފެށިގެންވެސް ނެށުމަށް ލޯބިކުރާ ކުއްޖެކެވެ.

އޭނާ މިރެކޯޑް މުގުރާލާފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާ މިކަމާއި ކުރިމަތިލާފައިވަނީ ނޭޕާލްގެ މިޔުޒިކާއި ސަގާފަތް ކުރިއެރުވުމުގެ ނިޔަތުގައެވެ. އޭނާއަށް ދުނިޔޭގެ ރެކޯޑް މުގުރާލިކަމުގެ ޔަގީންކަން "ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް"އިން އަންގާފައިވަނީ މި މަހުުގެ 3 ވަނަ ދުވަހުއެވެ. އެއްފަހަރާ އެންމެ ގިނަ މީހުން ނެށުމުގެ ރެކޯޑްވެސް މިއަހަރުގެ ތެރޭގައި މިވަނީ މުގުރާލާފައެވެ. މި ރެކޯޑް ހަދާފައިވަނީ އިންޑިއާގެ ޓެމިލް ނާޑޫގައެވެ. މި ރެކޯޑް ހެދުމުގައި 7195 މީހުން ބައިވެރިވިއެވެ.