ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނަށް ހުޅުވާލައިގެން މޯލްޑިވްސް ސޮކާ މޭޓްސްއިން އިންތިޒާމުކުރާ ރަމަޟާން ވެޓެރަންސް ކަޕުގައި މިއަދު ކުޅުނު މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކާމިޔާބު ކޮށްފިއެވެ.

މާފަންނު ދަނޑުގައި ކުޅުނު މިމެޗު މާޒިޔާ ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އާދަމް ލަރީފް ( ރޮނާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ރޮނާއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، އޭދަފުށި ވެޓެރަންސް ފުޓްބޯލް ކްލަބުގެ އިތުރަށް ކްލަބު ގްރީން ސްޓްރީޓްސް އާއި، ޕޮލިސް ކްލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ދިވެހި ސިފައިންގެ ކްލަބާއި ކްލަބު އީގަލްސް އެވެ.

މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި ލީގު ބުރު ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ލިބޭ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗަށްފަހު އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށި ވެޓަރަންސް އާއި ކުލަބް އީގަލްސް އެވެ.