ޒަމާންވީ އާދަކާދައިގެ މަތިން، މި ރަމަޟާންމަހުވެސް ހާރުކާން މީހުން ހޭލެއްވުމަށްޓަކައި އަސްކަރީ ޖެޓްތައް އުދުއްސަން އިންޑޮނޭޝިޔާ އެއަރފޯސްއިން ތައްޔާރުވާން ފަށައިފިއެވެ.

ހާރުކާން އާންމުން ހޭލެއްވުމަށްޓަކައި ހިންގާ ޕްރޮގްރާމަކީ އަސްކަރީ މަތިންދާ ބޯޓް އުދުހުމުގެ ތަމްރީނުތަކެއްގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށް، އެއަރފޯސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ހާމަކޮށްފައި ވެއެވެ.

އެގޮތުން، އިރުމަތީ ޖާވާގެ ސުރަބާޔަ، ސުރަކާޓާ، ކްލަޓެން، މެދުތެރޭ ޖާވާގެ ސްރަގެން އަދި ޔުގިޔަކާޓާފަދަ، ޖާވާ އައިލެންޑްގެ އެކިއެކި ސިޓީތަކުގައި ތަމްރީނުތައް ބާއްވާނެ ކަމަށް އިންޑޮނޭޝިޔާ އެއަރފޯސްއިން ހާމަކޮށްފައި ވެއެވެ.

"ﷲ އިރާދަ ކުރެއްވިއްޔާ، ޒަމާންވީ އާދަކާދައެއްގެގޮތުން ހަނގުރާމަމަތީ މަތިންދާ ބޯޓް ބޭނުންކޮށްގެން އަޅުގަނޑުމެން ހާރުކާން މީހުން ހޭލައްވައިދޭނަން" އެއަރފޯސްގެ ޓްވީޓްގައި ބުނެފައި ވެއެވެ.

އިންޑޮނޭޝިޔާ އެއަރފޯސްގެ ތަރުޖަމާނު ކާނަލް ސުސް އެމް ޔޫރިސް ވިދާޅުވީ، މިއީ ހަމައެކަނި އާދަކާދައެއް ދެމެހެއްޓުމަށް އެކަނި ކުރާ ކަމެއް ނޫން ކަމަށާއި، މިކަމަކީ ޕައިލެޓުންގެ ތަމްރީނުގެވެސް ބައެއް ކަމަށެވެ.

މެޑިކަލް އެކްސްޕާޓުން ބުނަނީ، ހަނގުރާމަމަތީ މަތިންދާ ބޯޓްތައް ދުއްވާ ޕައިލެޓުންގެ ތަމްރީނުތައް ރަމަޟާންމަހު ކުރިއަށް ގެންދަން އެންމެ ރަނގަޅީ ފަތިހުގެ ވަގުތުގައެވެ.

ރަމަޟާންމަހު ހެނދުނު 10 ގެ ފަހުން ޕައިލެޓުން ތަމްރީނުތަކަށް އުދުއްސުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ސިއްހީ މާހިރުން ލަފާ ދެއެވެ. އެއީ، އެހާއިރުން ފެށިގެން ރޯދައަށް ތިބޭ މީހުންގެ ހަށިގަނޑުން ހަކުރުގެ ލެވެލް ދަށްވާންފަށާނެތީއެވެ.

"ހަނގުރާމަމަތީ މަތިންދާ ބޯޓްތަކުގެ ޕައިލެޓުންގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ދަށްވެފައިވާ ހާލަތުގައި އެމީހުން ލައްވައި އެއަރކްރާފްޓް އޮޕަރޭޓްކުރުމަކީ އެދެވިގެންވާ ކަމެއްނޫން. އެހެންކަމުން، ހާރުކާން މީހުންނަށް ގޮވުމަށް މަތިންދާ ބޯޓް ދުއްވުމަކީ ދެ ބޭނުމެއްގައި ކުރާ ކަމެއް. އެއްކަމަކީ ހާރުކާން މީހުންނަށް ގޮވުން، އަނެއް ކަމަކީ ޕައިލެޓުންގެ ތަމްރީނު" އެއަރފޯސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެހެންކަމުން، އިންޑޮނޭޝިޔާ އެއަރފޯސްއިން މިހާރު ތައްޔާރުވަމުންދަނީ ހާރުކާ ވަގުތާ ދިމާކޮށް ޖައްވުގެ ތެރޭގައި މަތިންދާ ބޯޓް އުދުހުގެ ހަރަކާތް ފެށުމަށެވެ. ވައިގެ ތެރެއިން ވީހާވެސް ތިރިން މަތިންދާ ބޯޓްތައް އުދުހެމުންދާއިރު އިތުރަށް އަޑުގަދަކުރުމުގެ ގޮތުން ޕައިލެޓުން 'އާފްޓަރބާރނާސް" ބޭނުންކުރާނެ ކަމަށްވެސް އެއަރފޯސްއިން ބުނެއެވެ.

ރަމަޟާންމަހުގެ ފަތިހު ތަމްރީނުތައް ހެދުމުގެ ޕްރޮގްރާމް އިންޑޮނޭޝިޔާ އެއަރފޯސްއިން ފަށާފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. މިތަމްރީނުތަކުގައި ދެ ބާވަތެއްގެ އެއަރކްރާފްޓް ބޭނުންކުރެއެވެ. އެއީ، އެފް-16 ޖެޓް އަދި ޓީ50އައި ޖެޓްތަކެވެ.