ދިވެހިންގެ ކެއުމުގެ ތެރޭގައި ފަލަމަޑީގެ ބާވަތްތަކަކީ ވެސް ވަރަށް ބޮޑަށް ބޭނުންކުރާ ބާވަތްތަކެވެ. ނަމަވެސް ފަލަމަޑި ލިބުން ދަތިވުމަކީ ވެސް އަބަދުވެސް ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ.

ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން އެންމެ މަދުން މާރުކޭޓުގައި ފެންނަން ހުރީ އަލައެވެ. ވިޔަފާރިވެރިން ބުނީ އަލަ ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 80 ރުފިޔާއަށް ކަމަށެވެ. ވިޔަފާރިވެރިން ބުނީ އަލައިގެ އަގަށް ބަދަލު ނާންނަނީ އަލައަށް އޮތް ޑިމާންޑް ދަށްވުމާއި އަލަ މަދުން ބާޒާރުގައި ވިއްކަން ހުރުމުގެ ސަބަބުން ކަމަށެވެ.

ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ބާޒާރުގައި އެންމެ ގިނައިން ލިބެންހުރީ ކައްޓަލަ އާއި ދަނޑިއަލުވި ކަންވެސް ވިޔަފާރިވެރިން ފާހަގަކުރެވެއެވެ. އެގޮތުން ދަނޑިއަލުވި ކިލޯއެއް ރޯދަމަހުގެ ފުރަތަމަ ދުވަހާއި އެއްގޮތަށް މިއަދުވެސް ހުރީ 30 ރުފިޔާ އަށް ކަމަށާއި އަދި ކައްޓަލަ ކިލޯއެއް ބާޒަރުގައި ހުރީ 40 ރުފިޔާ އަށް ކަމަށް ވިޔަފާރިވެރިން ބުނިއެވެ.

"އެހާ ގިނައިން ނުވިކޭ ފަލަމަޑީގެ ބާވަތްތައް އެހެންވެ އަގަށް ވެސް މާބޮޑު ބަދަލެއް ނާދޭ" ވިޔަފާރިވެރި އެއް ކިޔައިދިނެވެ.

ބާޒާރުގައި ހުރި ތަފާތު އެހެން ބައެއް ބާވަތްތަކަށް ބަލާއިރު ދިވެހިން އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަށިކޭލުގެ އަގަށް ރޯދަ މަސް ފެށުނުފަހުން ބަދަލު އައިސްފައި ނުވާ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ. އެގޮތުން ކަށިކެޔޮ ވަކެއް މިއަދުވެސް ބާޒާރުގައި ވިއްކަން ހުރީ 5 ރުފިޔާ އަށެވެ.

މީގެއިތުރުން ބާޒާރުގައި ކާށި ވިއްކަން ހުރި އަގަށް ބަލާއިރު ކާށި ވިއްކަނީ 5 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް ވިޔަަފާރިވެރިން ބުނެ އެވެ.