ހެނދުނުގެ ނާސްތާ ސުކޫލް ދަރިވަރުންނަށް ދިނުމަށްޓަކައި ކުރިއަށް ގެންދާ "ނާސްތާ ޕްރަގްރާމަކީ" ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ވިޔަފާރި ކުންފުންޏަކަށް ފައިސާދޭންވެގެން ހިންގާ ޖަރީމާއެއްކަމަށް ޕީއެންސީގެ ނާއިބް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ހެނދުނުގެ ނާސްތާ ހުރިހާ ދަރިވަރުންނަށް ދިނުމަށްޓަކައި ސްކޫލުތަކަށް ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް އިއުލާންކުރުމާއި ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި އަމީނިއްޔާ ސުކޫލުގައި ނާސްތާއަށްދޭ ޕަކެޓާއި ބިސް އެ ސުކޫލުގެ ގިނަ ދަރިވަރުން ބޭނުން ނުކުރާކަމަށެވެ. އެގޮތުން ނާސްތާއަށްދޭ ބިސް ދަރިވަރުން އުކާލަނީކަމަށާ ނާސްތާއަށްދޭ ޕަކެޓް ސުކޫލްތަކުގައި މަސައްކަތްކުރާ ދައްތަމެން ގެއަށް ގެންދަނީކަަމަށެވެ.

އެހެންކަމުން މިއީ އެމްޑީޕީގެ ކޮންމެވެސް ކުންފުންޏަކަށް ފައިސާދޭންވެގެން ހިންގާ ޖަރީމާއެއްކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.