އިސްލާމިކް ސްޓޭޓް ޖަމާއަތުގެ "ޕްރޮވިންސެއް" އިންޑިއާގައި ގާއިމްކުރެވިއްޖެ ކަމަށް އެޖަމާއަތުން އިޢްލާން ކޮށްފިއެވެ.

މި ޚަބަރު އާންމު ކޮށްފައިވަނީ، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚަބަރުތައް އާންމުކުރާ އަމަގް ނޫސް އޭޖެންސީންނެވެ.

"ޕްރޮވިންސެއް" އުފެއްދި ކަމަށް އައިއެސް އިން އިޢްލާންކުރީ އިންޑިއާއިން ވެރިކަންކުރާ ކަޝްމީރުފަޅީގައެވެ.

މިކަމުގެ ތެރޭގައި އިންޑިއާގެ ސަލާމަތީ ބާރުތަކާއި، އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އައިއެސްގެ ހަނގުރާމަވެރިންނަށްވެސް އަނިޔާވި ކަމަށް، އަމަގްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހަމަ އެއާއެކު، އިންޑިއާގެ ސިފައިންނަށްވެސް ބޮޑެތި ގެއްލުންތައް ދެވުނު ކަމަށް އިސްލާމިކް ސްޓޭޓް ޖަމާއަތުން ހާމަކޮށްފައި ވެއެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުން މިފަދަ ބަޔާނެއް ނެރެފައި ވާއިރު، އިންޑިއާ ފުލުހުން ނެރުނު ބަޔާނެއްގައި، ދެފަރާތުގެ ދެމެދުގައި ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި އަޝްފާގް އަހްމަދު ސޯފީ ނަމަކަށްކިޔާ ހަނގުރާމަވެރިޔަކު މަރާލެވިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ. ނަމަވެސް އިންޑިއާ ސިފައިންގެ މީހަކަށް ކަމެއްވީކަމެއް ހާމައެއް ނުކުރެއެވެ.

މިކުރިމަތިލުން ހިނގާފައިވަނީ ކަޝްމީރުގެ ޝޯޕިއަން ޑިސްޓްރިކްޓްގެ އަމަޝިޕޯރާ އަވަށުފައި ކަމަށްވެސް ބުނެފައި ވެއެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުން އިންޑިއާގައި އުފެއްދި "ޕްރޮވިންސް" އަށް ދީފައިވާ ނަމަކީ "ވިލާޔާ އޮފް ހިންދް" އެވެ.

މިއީ، އިރާގާއި ސޫރިޔާގެ ބިމުން ބައެއްގައި އިސްލާމިކް ސްޓޭޓުން އުފެއްދި އެ ޖަމާއަތުގެ ވެރިކަން ނުވަތަ ޚިލާފަތު ފުނޑުފުނޑުކޮށްލައި، ސޫރިޔާއާއި އިރާގުން އެޖަމާއަތް ބަލިކޮށް ފައްސާ ނަގާލިފަހުން، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ފައި ހަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ސޫރިޔާ އަދި އިރާގުގެ އެތައްހާސް މޭލެއްގެ ބިމުގެ ސަރަހައްދު އައިއެސްއިން ހިފިއެވެ. ނަމަވެސް އެހުރިހާ ބިމެއް އެ ޖަމާއަތަށް މިހާރުވަނީ ގެއްލިފައެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުން މިހާރުވަނީ، ކުއްލިއަކަށް ހަމަލާ ދިނުމަށްފަހު ފިލައިގެން ދިއުމުގެ އުކުޅާއި، ޖާނު ގޮއްވާލައިގެންދޭ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.

އީސްޓަރ ސަންޑޭގައި ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކުގެ ޒިންމާވެސް އުފުލާފައިވަނީ އިސްލާމިކް ސްޓޭޓް ޖަމާއަތުންނެވެ.

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި "ޕްރޮވިންސްއެއް" ގާއިމް ކުރެވިއްޖެ ކަމަށް އިސްލާމިކް ސްޓޭޓް ޖަމާއަތުން ބުނި ބުނުމަށް އިންޑިއާ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ކަޝްމީރު ފަޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ އިންޑިއާ ސިފައިންނަށެވެ.