ޕާކިސްތާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ގްވާދަރުގައި ހުންނަ ފަސްތަރީގެ ހޮޓަލަކަށް ހަތިޔާރުއެޅި ބަޔަކު ބަޑީގެ ހަމަލާތަކެއް ދެމުން އެބަގެންދެއެވެ.

ހޮޓަލަށް ބަޑީގެ ހަމަލާ ދެމުންގެންދަނީ ތިންމީހުންގެ ގްރޫޕަކުން ކަމަށް ވެއެވެ.

އެމީހުންނާއި، ސަލާމަތީ ބާރުތަކާ ދެމެދު އެ ހިސާބުގައި މިހާރު ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާ ކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ.

ހަތިޔާރު އެޅި ގްރޫޕުން ހަމަލާދިނުމުގެ ސަބަބުން ހޮޓަލުގެ ސަލާމަތީ ގާޑަކު މަރުވެފައިވާ ކަމަށްވެސް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ހަތިޔާރުއެޅި ގްރޫޕުން ހަމަލާ ދެމުންގެންދާ ހޮޓަލަކީ ޕާރލް ކޮންޓިނެންޓަލް ހޮޓެލް ނަމަކަށްކިޔާ ހޮޓަލެކެވެ.

ބަލޫޗިސްތާންގެ ހޯމް މިނިސްޓަރ ޒިއާއުލް ލަންގޫވް ވިދާޅުވީ، ހޮޓަލުގައި ތިބި ގިނަ ގެސްޓުން މިހާރު ހޮޓަލުން ނެރެ ރައްކާތެރި ތަނަކަށް ގެންދެވިފައިވާ ކަމަށެވެ. ގެސްޓުން ނެރުނީ ކިހިނެއްކަމެއް ސާފެއް ނުވެއެވެ.

ހަތިޔާރު އެޅި ގްރޫޕްގެ މީހުން ބަޑީގެ ހަމަލާތައް ދެމުންގެންދާއިރު، ޕާކިސްތާނު އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް މިހާރުވެސް ގެންދަނީ ހޮޓަލުގެ ވަށައިގެން ހޯރައަޅަމުންނެވެ.

ޕާކިސްތާނު ސިފައިން ބުނެފައިވަނީ، ހަތިޔާރުއެޅި ތިންމީހުން ސަލާމަތީ ގާޑު މަރާލާފައިވަނީ ހޮޓަލުންގެ މައި ގޭޓުން އެތެރެއަށް ވަންނަމުން ކަމަށެވެ.

އެތިންމީހުންވެސް މިހާރު ތިބީ ހޮޓަލުގެ އެންމެ މަތީ ބުރީގެ ސިޑިމަތީގައި ކަމަށާއި، ސަލާމަތީ ބާރުތަކުން އެމީހުން ވަށާލާފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ސަލާމަތީ ބާރުތަކުން މިހާރުވަނީ ހޮޓާ ހުންނަ ސަރަހައްދު ވަށައިގެން ބަންދުވެސް ކޮށްފައެވެ.

ގްވާދަރަކީ އަރަބި ކަނޑަށް ވާގޮތަށް އޮންނަ ޕާކިސްތާނުގެ ވަރަށް މުހިންމު ބަނދަރެކެވެ. ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ 60 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއްގެ ދަށުން އެ ބަނދަރު މިހާރުދަނީ ތަރައްގީވެސް ކުރަމުންނެވެ.

ބަޑީގެ ހަމަލާތައް ދެމުންގެންދާ ޕާރލް ކޮންޓިނެންޓަލް ހޮޓެލް ހުންނަނީ ބަނދަރުގެ ފަރުބަދަތައް ހުންނަ ސަރަހައްދުގައެވެ. އެތަނުގައި ބޭރުގެ ގިނަ ގެސްޓުން ތިބޭއިރު، އޭގެ ތެރޭގައިވެސް ގިނައީ ޗައިނާއިން ކުރިއަށްގެންދާ މަޝްރޫއުގެ ސްޓާފުން ކަމަށް ވެއެވެ.

ހޮޓަލަށް ހަމަލާދޭން ފެށިއިރު އެތަނުގައި ތިބީ ކިތައްމީހުން ކަމެއް ސާފެއް ނުވެއެވެ.