ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިނުމުގައި އެންމެ އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ މުހަންމަދު ޒަހްރާން ހާޝިމް މަރުވެފައިވާކަން ކަށަވަރު ކުރުމަށްޓަކައި ޑީއެންއޭ ޓެސްޓް ހެދުމަށް ސްރީލަންކާގެ ކޯޓުން ފުލުހުންނަށް ހުއްދަ ދީފިއެވެ.

ބޮމުގެ ހަމަލާތައް ދިންދުވަހު ޝަންގްރިއްލާ ހޮޓަލަށް ދެވުނު ހަމަލާގެ ތެރޭގައި މުހަންމަދު ހާޝިމް ޒަހްރާން މަރުވެފައިވާ ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ކުރިން ބުނެފައި ވެއެވެ. ނަމަވެސް، ފަހުން އާންމުވެފައިވާ ރިޕޯޓްތައް ބުނާގޮތުން އެ ހަމަލާގެ ތެރޭގައި ޒަހްރާން މަރުވިކަން ކަށަވަރެއް ނުވެއެވެ.

އެހެން ނަމަވެސް، މުހަންމަދު ޒަހްރާން ހާޝިމްގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފުލުހުންގެ ބެލުމުގެދަށުގައި އެބައޮތެވެ.

އެހެންކަމުން، އެއީ ބޮމުގެ ހަމަލާތައް ދިނުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ޒަހްރާން ހާޝިމްގެ ހަށިގަނޑުތޯ މުޅީން ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓް ހެދުމަށް ކޯޓުން މިވަނީ ހުއްދަ ދީފައެވެ.

އެގޮތުން، އެއީ ޒަހްރާންގެ ހަށިގަނޑުކަން ކަށަވަރު ކުރުމަށްޓައި ޑީއެންއޭ ޓެސްޓް ހެދުމަށް ކަމާބެހޭ ފަރާތްތަކުން ޑީއެންއޭ ނެގުމަށް ހަމަޖެހިފައިވަނީ ޒަހްރާން ހާޝިމްގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ގައިކަމަށް ޚަބަރުތައް ބުނެއެވެ.

ކޮޅުނބަށް ބޮމުގެ ހަމަލާތައް ދެވުނުތާ ހަފްތާއެއްފަހުން، ޒަހްރާން ހާޝިމްގެ އާއިލާގެ ގިނަ މެމްބަރުން ތިބި ގެއަކަށް ސްރީލަންކާގެ ސަލާމަތީ ބާރުތައް ވަންނަން ދިމާކުރުމުން، އެގޭގައި ތިބި ހަތިޔާރުއެޅި ބަޔަކާއި، ސަލާމަތީ ބާރުތަކާ ދެމެދު ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކުގައި ޒަހްރާން ހާޝިމްގެ އާއިލާގެ ގިނަ މެމްބަރުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ޒަހްރާންގެ ބައްޕައާއި، އެއްބާނޑު ބޭބެމެންނާއި ކޮއްކޮމެންވެސް ހިމެނެއެވެ. އަދި ހަ ކުޑަކުދިންވެސް މަރުވިއެވެ.

ޒަހްރާންގެ ބައެއް ފަހަރިން އަމިއްލައަށްވެސް މަރުވި ކަމަށާއި، އަދި މަރުވުމުގެ ކުރިން އެ އާއިލާގެ ބައެއް ކުދިން މަރާލި ކަމަށް ސްރީލަންކާ ފުލުހުން ބުނެފައި ވެއެވެ.

ޑީއެންއޭ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ހަތަރު އަހަރުގެ އަންހެން ކުއްޖާއަކީ، އެ ދުވަހުގެ ކުރިމަތިލުންތަކުގެ ތެރޭގައި މަރުނުވެ ސަލާމަތްވި ކުއްޖެކެވެ.