އަފްގާނިސްތާނުގެ އަންހެން ނޫސްވެރިޔަކަށް ވެރިރަށް ކާބުލްގެ މަގެއްގައި ރޯމާދުވާލު ބަޑިން ހަމަލަދީ މިއަދު މަރާލައިފިއެވެ.

މަރާލެވުނު ނޫސްވެރިޔާ މީނާ މަންގަލްއަކީ އަފްގާނިސްތާނުގެ ގައުމީ ޓީވީގެ ކުރީގެ ޕްރެޒެންޓަރެކެވެ. އަދި މިހާރު އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް ސަގާފީ ކަންކަމާއިގުޅޭގޮތުން ލަފާދޭ މުޝީރެކެވެ.

އަފްގާނިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ، މީނާ މަންގަލްއަށް ހަމަލަދިނީ އޭނާ ވަޒީފާ އަދާކުރާތަނަށް ދަނިކޮށް ކަމަށާއި ހަމަލަދިން މީހުން ފިލާފައިވާ ކަމަށެވެ.

މިހަމަލައިގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނުއުފުލައެވެ. ކާބުލްގައި ހިންގާ މިޒާތުގެ ޓެރަރިސްޓް އަމަލުތަކުގެ ޒިންމާ އާއްމުގޮތެއްގައި އުފުލަނީ ތާލިބާނުންނެވެ.

ނޫސްވެރިޔާ މަރާލި މީހުންނާއި ސަބަބު ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފަށާފައިވާއިރު އެމީހުން ބުނެފައިވަނީ މިއީ ޒާތީ ރުޅިވެރިކަމެއްގައި ބަދަލުހިފުމުގެ އަމަލަކަށްވެސް ވެދާނެކަމުގައެވެ.

އަފްގާނިސްތާނަކީ ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ބިރުވެރި ގައުމުތަކުގެ ތެރެއިން އެއްގައުމެވެ.