އީރާނާއި އެމެރިކާގެ ކޯޅުން އިތުރަށް ވަރުގަދަވަމުންދާނަމަ އީރާނުން އިސްރާއީލަށް ހަމަލާ ދީފާނޭ ކަމަށް ބުނެ އިސްރާއީލުގެ ކެބިނެޓް ވަޒީރަކު ބިރުން ވާހަކަ ދައްކައިފިއެވެ.

އެގޮތުން، އީރާނުން ސީދާގޮތެއްގައި އިސްރާއީލަށް ހަމަލާ ދީފާނޭ ކަމަށާއި ނުވަތަ އެހެން ބަޔަކު މެދުވެރިކޮށްވެސް ހަމަލާ ދީފާނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އިރާނާ ދެކޮޅަށް އިތުރަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައި، ނުވިތާކަށް ގެންދަވަނީ އީރާނާ ގާތަށް ބޮންއަޅާ މަތިންދާ ބޯޓާއި ހަތިޔާރު ޖަމާކުރައްވަމުންނެވެ. މިއީ އީރާނަށް ބިރުދެއްކެވުމަށް ޓްރަމްޕް ކުރައްވާ ކަމެކެވެ.

މީގެއިތުރުން، އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އޭނާއާއެކު މަޝްވަރާއަށް ވަޑައިގަތުމަށްވެސް ޓްރަމްޕްވަނީ އީރާނުގެ ވެރިންނަށް ގޮވާލައްވާފައެވެ. ނަމަވެސް، ޓްރަމްޕާއެކު އެއްވެސް ކަމެއްގައި މަޝްވަރާ ކުރަން ބޭނުން ނުވާކަމަށް އީރާނުންވަނީ ބުނެފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކާއި، ހަރުކަށި ކުރައްވަމުން ގެންދަވާ ސިޔާސަތުތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން ފުރިހަމައަށް ތާއީދު ކުރެއެވެ.

ނަމަވެސް، މަސްރަހް މިހާރު އިތުރަށް ގޯސްވަމުންދާ މައްސަލާގައި އިސްރާއީލު މިހާތަނަށްވެސް އޮތީ ހިމޭނުންނެވެ.

އިސްރާއީލުގެ އެނަޖީ މިނިސްޓަރ ޔޫވަލް ސްޓެއިނިޒް ބުނީ، ކަންތައްތައް ވަރަށް ބޮޑަށް ހޫނުވަމުންދާ ކަމަށާއި، އީރާނާއި އެމެރިކާއާ ދެމެދު ނުވަތަ އީރާނާއި އެގައުމުގެ އަވަށްޓެރި ގައުމުތަކާ ދެމެދު ކުރިމަތިލުމެއް ހިނގާފާނެ ދަނޑިވަޅެއްގައި އީރާނުން ޣައްޒާއިން ހިޒްބުﷲއާއި އިސްލާމިކް ޖިހާދު ހަރަކާތްތެރި ކުރުވާނެ ކަމަށެވެ. ނުވަތަ ސީދާ އީރާނުން އިސްރާއީލަށް މިސައިލް ހަމަލާ ދީފާނޭ ކަމަށްވެސް މިނިސްޓަރު ބުނެ އިންޒާރު ކޮށްފައި ވެއެވެ.

އިސްރާއީލުގެ އެނަޖީ މިނިސްޓަރ ޔޫވަލް ސްޓެއިނިޒް އަކީ ކެބިނެޓްގެ ސަލާމަތީ ކަންކަމާބެހޭ ކޮމިޓީގެ މެމްބަރެއްވެސް މެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ހިނގާފާނެ ކުރިމަތިލުމެއްގެ ދަނޑިވަޅުގައި އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވަމުންދޭތޯ މީޑިއާއިން ސުވާލު ކުރުމުން އިސްރާއީލުގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސޫރިޔާގެ ބިމުގައި އީރާނާއި އިސްރާއީލާ ދެމެދު ހިސާބަކަށް ކުރިމަތިލުންތައް ހިނގާފައި ވީނަމަވެސް، އީރާނާއި އިސްރާއީލު މިހާތަނަށް ހަނގުރާމައެއް ކޮށްފައެއް ނުވެއެވެ.

މެދުއިރުމައްޗޭ މިކިޔާ ސަރަހައްދުގެ އެއްފަޅީގައި އިސްރާއީލު އޮންނަ އިރު އީރާނު އޮންނަނީ އަނެއް ފަޅީގައެވެ.