ނިމިގެންދިޔަ އިނގިރޭސި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސް ގައުމީ ޓީމުގެ ޑިފެންޑަރ ވާޖިލް ވެން ޑައިކްއަށް ލިބިއްޖެއެވެ.

ވެން ޑައިކްއަށް މި އެވޯޑު ލިބުނުކަން ހާމަކޮށްފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޓްވިޓާ މެދުވެރިކޮށެވެ. މި އެވޯޑު އޭނާއަށް ލިބުނުކަން ހާމަކުރި އިރު އަދި ލީގުގައި ބާކީ މެޗުތަކެއްވެސް އޮތެވެ.

މިއީ ޗެލްސީއަށް ކުރިން ކުޅުނު ޑިފެންޑަރ ޖޯން ޓެރީއަށްފަހު މި އެވޯޑު ޑިފެންޑަރަކު ހޯދި ފުރަތަމަ ފަހަރެވެ. ޓެރީ މިއެވޯޑު ހޯދާފައިވަނީ 2005 ވަނަ އަހަރުގައެވެ. އެއަހަރު ޓެރީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ޗެލްސީ ހޯދި ކާމިޔާބީގެ ފަހަތުގައިވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ވެން ޑައިކްއަކީ މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި 75 މިލިއަން ޕައުންޑުގެ އަގަކަށް ސައުތްހެމްޓަން އިން ލިވަޕޫލްއާ ގުޅުނު ކުޅުންތެރިއެކެވެ. ލިވަޕޫލަށް ބަދަލުވެ އޭނާ ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާއްސަކޮށް ލިވަޕޫލުގެ ފަހަތް ބެލެހެއްޓުމުގައި އޭނާ އަދާކުރި ދައުރު ވަރަށް ބޮޑެވެ. އަދި މުހިއްމު މެޗުތަކުގައި އޭނާގެ ލީޑަޝިޕް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ވެން ޑައިކް ކުޅުނު 37 މެޗުގެ ތެރެއިން 19 މެޗުގައި ލިވަޕޫލް ކޮޅަށް ގޯލެއް ވަދެފައިނުވެއެވެ. އަދި ލީގުގައި ކުޅުނު 28 މެޗު ލިވަޕޫލް އިން ވަނީ ކާމިޔާބު ކޮށްފައެވެ.

ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެން ޑައިކް ހޯދި ނަމަވެސް އޭނާ ކުޅެމުން އަންނަ ލިވަޕޫލް ވަނީ އެއް ޕޮއިންޓުގެ ތަފާތާއެކު ޕްރިމިއަރ ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައެވެ. މިއަހަރު އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މެންޗެސްޓަރ ސިޓީއެވެ.

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއާގެ އިތުރުން އޭނާ ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދާފައެވެ.