އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީން ދިފާއު ކޮށްފިއެވެ.

މިއީ 2009 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ދެވަނަ ފަހަރަށް ޓީމަކުން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރަށެވެ. ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން އެންމެފަހުން ހޯދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

މިފަހަރުގެ ލީގަގަކީ ފަހުގެ ތާރީހެއްގައި ލީގު އެންމެ ފޯރުގަދަވި ފަހަރެވެ. އެގޮތުން ސިޓީން ލީގު ހޯދީ އެންމެ ޕޮއިންޓެއްގެ ފަރަގަކުންނެވެ. ލީގުގެ ފަހު މެޗުގައި މިއަދު ބްރައިޓަން އަތުން 4-1 އިން ސިޓީ މޮޅުވިއިރު، އެޓީމަށް ވަނީ 98 ޕޮއިންޓު ލިބިފައެވެ. އަދި މިއަދު ވުލްވްސް އަތުން 2-0 އިން މޮޅުވި ލިވަޕޫލަށް ލިބިފައިވަނީ 97 ޕޮއިންޓެވެ.

ސިޓީން މިއަދު ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ބްރައިޓަން އިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ގްލެން މަރޭ ކާމިޔާބުކުރި ގޯލާއެކު ލިވަޕޫލްއަށް އުންމީދު އާވި ނަމަވެސް، އޭގެ މިނެޓެއް ފަހުން ސިޓީގެ ސާޖިއޯ އަގުއޭރޯ ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. އަދި ސިޓީން ވަނީ ފަހަތުންއަރާ އިތުރު 3 ގޯލް ކާމިޔާބުކޮށް ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ. ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އައިމެރިކް ލަޕޯޓް، ރިޔާދު މަހްރޭޒް އަދި އިކާއީ ގުންޑޮގާން އެވެ.

ލީގު ޗެމްޕިއަންކަން ސިޓީން ހޯދީ ލީގުގައި އެޓީމުން ފަހުން ނެރުނު ނަތީޖާތަކުންނެވެ. މި ސީޒަނުގައި ގިނަ ގޯލުތަކެއް ޖެހި ސިޓީ ވަނީ 38 މެޗުގައި 95 ގޯލު ޖަހާފައެވެ.