ތިން މިސްކިތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް އޮށްގަލުން ހަމަލާ ދިނުމާ ގުޅިގެން، ސްރީލަންކާގެ ހުޅަނގު އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޗިލޯގައި ކާފިއު އިޢްލާން ކޮށްފިއެވެ.

ޚަބަރު ލިބޭގޮތުގައި ޗިލޯ އަވަށުގައި މިކަމެއް މިހިނގީ، މުސްލިމު ފިރިހެނުންނަށް ނިސްބަތްކޮށް މީހަކު ފޭސްބްކްގައި ލިޔުނު ޕޯސްޓަކާ ގުޅިގެންނެވެ.

ފޭސްބުކްގައި ޕޯސްޓް ލިޔުނު މީހާއަށް މުސްލިމް ފިރިހެނަކު ރައްދު ދިނުމުން ގްރޫޕެއްގެ ބަޔަކުވަނީ ރަށުތެރެއަށް ނުކުމެ އޭނާގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެވަރުން ނުވެގެން ތިން މިސްކިތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް އޮށްގަލުން ހަމަލާދީ ގެއްލުންދީފައި ވެއެވެ.

އޮށްގަލުން ހަމަލާ ދިނުމުގެ ސަބަބުން އެއް މިސްކިތަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. ޒުވާން ފިރިހެނުންގެ ގްރޫޕެއް މުސްލިމެއްގެ ފިހާރައަށް އޮށްގަލުން ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންވެސް ދެއެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ޒުވާބުކުރި ދެމީހުން ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

"މަސްރަހް ކޮންޓްރޯލް ކުރުމަށްޓަކައި ފަތިހު ހަތަރެއް ޖަހަންދެން ޗިލޯގައި މިހާރުވަނީ ކާފިއު އިޢްލާން ކޮށްފައި" ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވިއެވެ.

ޗިލޯއަކީ ކްރިސްޓިއަނުންގެ އަޣުލަބިއްޔަތު އޮންނަ އަވަށެއް ކަމަށް ވެއެވެ.

އީސްޓަރ ސަންޑޭގައި ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާގެ ފަހުން ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށާއި، މިސްކިތްތަކާއި، މުސްލިމުންގެ ފިހާރަތަކަށް ހަމަލާދިނުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

ހަމަލާތައް ދިނުމުގެ އިތުރުން، މުސްލިމުންނަށް ފުރައްސާރަކުރުމާއި ދުއްތުރާ ކުރުމުގެ އަމަލުތައްވެސް ހިންގަމުންގެންދާ ކަމަށާއި، އެކަމުގެ ރިޕޯޓް ފުލުހުންނަށް ކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާކަމުގެ ޝަކުވާވެސް މުސްލިމުން ކުރަމުން ގެންދެއެވެ.

މިދިޔަ ހަފްތާގައި ނެގޮމްބޯގައިވެސް ކްރިސްޓިއަނުންނާއި މުސްލިމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ. މި ކުރިމަތިލުންތައް ފެށުނީ ޓްރެފިކް މައްސަލައެއްގެ ތެރޭގައި ކަމަށް ވެއެވެ.

އެދުވަހުވެސް މިސްކިތްތަކަށާއި، މުސްލިމުންގެ ގެދޮރާއި ފިހާރަތަކަށް ކްރިސްޓިއަނުން ހަމަލާދީ ގެއްލުންތައް ދިނެވެ. އެކަން ކޮންޓްރޯލް ކުރީ ނެގޮމްބޯގައި ކާފިއު އިޢްލާން ކޮށްގެންނެވެ.

ނެގޮމްބޯގެ މަސްރަހް ގޯސްވެގެން ސްރީލަންކާ ކަމާބެހޭ ފަރާތްތަކުން ސޯޝަލް މީޑިއާއަށް ނުވަދެވޭގޮތް ހެދި ނަމަވެސް، ޗިލޯގެ ހަމަނުޖެހުންތަކާ ގުޅިގެން އެފަދަ ފިޔަވަޅެއް އަޅާފައި ނުވާކަން މީޑިއާއިން ފާހަގަ ކޮށްފައި ވެއެވެ.