ހަނގުރާމަމަތީ އިތުރު މަނަވަރުތަކެއް މެދުއިރުމައްޗަށް ފޮނުވަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން، މެދުއިރުމައްވަށް ފޮނުވަން ނިންމީ، މިސައިލުން ދިފާއުވާ ޕެޓްރިއޮޓް ނިޒާމު ގާއިމްކޮށްފައިވާ މަނަވަރާއި، ޔޫއެސްއެސް އާރލިންޓަން ނަމަކަށްކިޔާ މަނަވަރެކެވެ.

މި ދެ މަނަވަރުވެސް ގޮސް ގުޅޭނީ އެމެރިކާއިން މިހާރު ގަލްފް ކަނޑަށް ފޮނުވާފައިވާ އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓް އުފުލާ ބޮޑު މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއާއެވެ.

އަބްރަހަމް ލިންކަން ބުރާސްފަތިދުވަހުވަނީ މިސްރުގެ ސުއޭޒް ކަނޑުއޮޅި ހުރަސްކޮށްފައެވެ. އެ މަނަވަރު މިހާރު ދަތުރުކުރަމުންދަނީ ރަތްކަނޑުގައި ކަމަށް ވެއެވެ.

އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވަން ނިންމި ޔޫއެސްއެއް އާރލިންޓަންއަކީ ސިފައިންނާއި، އެނޫންވެސް ހަނގުރާމައިގެ ތެރޭގައި ބޭނުންކުރާ އެކި ބާވަތުގެ ވެހިކަލްތަކާއި، ކުދިކުދި އެއަރކްރާފްޓް އުފުލާ މަނަވަރެވެ.

ޕެޓްރިއޮޓަކީ، މަތިންދާ ބޯޓް ހަމަލާތަކާއި، ޑްރޯންއާއި، ކްރޫޒް މިސައިލާއި، ބެލިސްޓިކް މިސައިލުން ދިފާއުވާ ނިޒާމެކެވެ. މިނިޒާމު ގާއިމްކޮށްފައިވާ ކަނޑު އުޅަނދު މިހާރު އޮންނަނީ ބަހްރެއިން، އުރުދުން، ކުވައިތު، ގަތަރު އަދި ޔޫއޭއީ ސަރަހައްދަށް ޚާއްސަކޮށް އެ ސަރަހައްދުގައެވެ.

"ދިފާއީ ވަޒީރުކަމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފަރާތުންވަނީ، އާރލިންޓަންއާއި، ޕެޓްރިއޮޓް ޔޫއެސް ސެންޓްރަލް ކޮމާންޑްގައި ރުކުރުވާލުމުގެ ހުއްދަ ދެއްވާފައި" އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. މިއީ، ސެންޓްރަލް ކޮމާންޑުން އެދިގެން ފޮނުވާ މަނަވަރުތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާއިން މީގެކުރިން ވަނީ، ގަތަރުގައި އޮންނަ އެގައުމުގެ އަސްކަރީ ބޭހަށް ބޮންއަޅާ މަތިންދާ ބޯޓްތައް ފޮނުވާފައެވެ.

އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން އެގައުމާއި އީރާނާ ދެމެދު މިހާރު ހޫނުވަމުންދާ މަސްރަހްގެ ނާޒުކުކަން ހާމަވެގެންދެއެވެ.

އެމެރިކާއިން ބުނެފައިވަނީ، ބަރު ހަތިޔާރާއި ސިފައިން ޖަމާކުރަމުން ގެންދަނީ، ދެކޮޅުވެރި އޮޕަރޭޝަންތަކެއް ފެށުމަށް އީރާނުން ވަމުންދާ ތައްޔާރީތަކުގެ ރައްދުގައި ކަމަށެވެ.

ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އަދި އެމެރިކާގެ ބައިވެރިންގެ މަސްލަހަތުތަކާ ދެކޮޅަށް އީރާނުން ނުވަތަ އީރާނުން ފޮނުވާ ބަޔަކު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު މި މެއިމަހުގެ ކުރީކޮޅުން ފެށިގެން އިތުރުވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފައި ވެއެވެ.

އެގޮތުން، އަރަބި ގަލްފުގައި އޮންނަ ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރަން ޖެހިދާނޭ ކަމަށް އީރާނުން ދީފައިވާ އިންޒާރު ފާހަގަކޮށްފައި ވެއެވެ. އެ ކަނޑުއޮޅިއަކީ މުޅި ދުނިޔޭގައި ދައުރުވާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މަގެވެ.

"ރަތްކަނޑާއި، ޕާސިއަން ގަލްފްގައި ދަތުރުކުރާ އެމެރިކާގެ އުޅަނދުތަކާއި، ތެޔޮ ޓޭންކަރުތަކާއި، އެނޫންވެސް އުޅަނދުތަކަށް އީރާނުން ނުވަތަ އީރާނުން ފޮނުވާ ބައެއްގެ ހަމަލާތައް އަމާޒުވުމުގެ ފުރުސަތު ބޮޑު" ޔޫއެސް މެރިޓައިމް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވެއެވެ.

އެކަމަކު، އީރާނުން ބުނަމުން ގެންދަނީ، އެމެރިކާއިން ސަރަހައްދަށް ހަތިޔާރާއި ސިފައިން ޖަމާކުރަމުން ގެންދަނީ ނަފްސާނީގޮތުން އީރާނު ބިރުގެންނެވުމަށް ކަމަށެވެ. މިއީ، އީރާނަށް ފުރައްސާރަކުރަން ހިންގާ އަމަލުތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.