ލަންޑަނުގެ ގެޓްވިކް އެއަރޕޯޓުގެ ފާޚާނާތެރެޔަށް އެއްލާލާފައިވަނިކޮށް ފެނުނު ތުއްތުކުއްޖާ ތެއްތިރީސް އަހަރުފަހުން އޭނާގެ އާއިލާ ހޯދައިފިއެވެ.

މިހާރު އުމުރުން ތެއްތިރީސް އަހަރުވީ ސްޓީވެންގެ މަންމަ އޭނާ ފާޚާނާތެރޭގައި ބާއްވާފައި ފިލީ ވިހޭތާ ދިހަދުވަސް ފަހުންނެވެ. ކުއްޖާ ފެނުނީ އެއަރޕޯޓްގެ ޑިއުޓީ ފްރީ ފިހާރައެއްގެ މުވައްޒަފަކަށެވެ.

އިނގިރޭސިވިލާތުގެ ދެމަފިރިޔަކު އެކުއްޖާ ގެންގޮސް އަމިއްލަ ދަރިއެއްގެ ދަރަޖައިގައި ބަލާ ބޮޑުކުރިއެވެ. އެކަމަކު އުމުރުން އަށާރަ އަހަރުން ފެށިގެން ސްޓީވެން އައީ އޭނާގެ އަމިއްލަ މަންމަޔާއި ބައްޕަޔަކީ ކޮންބައެއްކަން ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި އޭނާ އެހީތެރިކަން ހޯދީ ޑީއެންއޭ ތަހުލީލުކޮށް އާއިލީ ގުޅުންތައް ޔަގީންކޮށްދޭ ބައެއްގެ ފަރާތުންނެވެ.

ސްޓީވެންއަށް އޭނާގެ އާއިލާޔާ ބައްދަލުވެވުނަސް މަންމަޔާ ބައްދަލެއް ނުވިއެވެ. މަންމަ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައެވެ. އެހެންކަމުން އެއަރޕޯޓުގެ ފާޚާނާގެ ތެރެޔަށް ދަރިފުޅު ދޫކޮށްލާފައި ފިލަން މެދުވެރިވި ސަބަބު ދެނެގަނެވޭނެ ގޮތެއް ނުވިއެވެ.

ސްޓީވެން އުފަންވީ ކައިވެނިން ބޭރުގައި ހިންގުނު ވަގުތީ ގުޅުމެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށްވާތީ އޭނާގެ ބައްޕަޔަށްވެސް މިކަމެއް ނޭނގެއެވެ. ދަރިޔަކު ލިބުނުކަމެއް ނުދެނަހުއްޓެވެ. ފަހުން މީހަކާ އިނދެގެން އެބައްޕަޔަށްވެސް ދަރިން ލިބިފައިވެއެވެ.

ހަމައެގޮތަށް އެހެން ފިރިހެނަކާ އިނދެގެން އަންހެން މީހާއަށްވެސް ދަރިން ލިބިފައިވެއެވެ. ސްޓީވެން މިހާރު ވަނީ އޭނާގެ ބައްޕަޔާއި ބައްދަލުކޮށް އެއްބަފާ ކޮއްކޮއިންނާއި އަދި އެއްބަނޑު ކޮއްކޮއިންނާވެސް ބައްދަލުކޮށްފައެވެ.

ސްޓީވެންވެސް މީހަކާ އިނދެގެން ދެކުދިން ލިބިފައިވެއެވެ. އޭނާ ބުނެފައިވަނީ އަސްލު ބައްޕަޔާއި ބައްދަލުވެ ދެފަރާތުގެ ވެސް ކޮއްކޮއިންނާ ބައްދަލުވެ އޭނާގެ އަސްލަކީ ކޮބައިކަން އޮޅުންފިލުމުން ވަރަށް އުފާވެއްޖެ ކަމަށާއި އެކަމަކު މަންމަ ނިޔާވެފައިވާތީ އޭނާއާމެދު އެގޮތަށް އަމަލުކުރި ސަބަބު އޮޅުންފިލާނެގޮތް ނެތުމުން ހިތާމަކުރާ ކަމުގައެވެ.