އިންޑިއާގެ ގުޖަރާތުގެ ދަނޑުވެރިއެއްގެ ގައިގައި ހަރުފައެއް ދަތްއެޅުމުން، އައި ރުޅީގައި ހަރުފަ އަތުލައިގަނެ ހަރުފައިގެ ގައިގައި ދަތްއަޅައި ހަރުފަ މަރާލައިފިއެވެ.

ހަރުފަ އަތުލައިގަނެ އޭތީގެ ގައިގައި ދަތްއެޅީ އުމުރުން 60 އަހަރުގެ ޕަރްވަތު ގަލަ ބާރިޔާ ނަމަކަށްކިޔާ މީހެކެވެ.

އިންޑިއާ އަދި މެލޭޝިޔާގެ ނޫސްތަކުން ބުނެފައިވަނީ، ޕަރްވަތު ގަލަ ބާރިޔާ ދިޔައީ އޭނާ ޒުވާރި ހައްދާ ދަނޑަށް ޒުވާރި ކަނޑަން ކަމަށެވެ. އޭނާއަށް ހަރުފަ ފެނުނީ ދަނޑުގައި އުޅެނިކޮށެވެ.

ހަރުފަ ފެނުމާއެކު ޕަރްވަތުއާއެކު ދަނޑަށްދިޔަ އެހެން އެންމެން ބިރުންވަނީ ދުވެ ދުރަށް ގޮސްފައެވެ. ނަމަވެސް ޕަރްވަތު މަސައްކަތް ކުރީ ހަރުފަ އެތަނުން ފައްސާލެވޭތޯއެވެ. ދަނޑުވެރިޔާ އެކި ގޮތްގޮތަށް މަސައްކަތް ކުރުމުންވެސް ހަރުފަ ގުޑާވެސް ނުލިއެވެ.

ޕަރްވަތު ގަލަ ބާރިޔާ ފަހުން މަސައްކަތް ކުރީ ހަރުފަ ހިފުމަށެވެ. އެކަން ކުރަން އުޅުމުގެ ތެރޭގައި ހަރުފަވަނީ ޕަރްވަތުގެ އަތާއި މޫނުގައިވެސް ދަތްއަޅާފައެވެ.

އަތުގައާއި މޫނުގައި ދަތްއެޅުމުން ދަނޑުވެރިޔާ ޕަރްވަތުގެ ގާތަށް ވަރަށް ރުޅިއައިސް އޭނާވަނީ ހަރުފަ އަތުލައިގަނެ އޭތީގެ ގައިގައި ދަތްއެޅިގޮތަށް ހަރުފަ މަރާލާފައެވެ.

އެއާއެކު ޕަރްވަތުވެސް އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނީ ކަމަށް އެތަނުގައި މަންޒަރު ބަލަންހުރި ޕަރްވަތުގެ ތިމާގެ މީހަކާ ހަވާލާދީ ނޫހުން ބުނެފައި ވެއެވެ.

ޕަރްވަތު އަނބުރައިގަނެގެން ވެއްޓުނީ އޭނާގެ ގަޔަށް ހަރުފަލީ ވިހައިގެ އަސަރުކޮށްގެންނެވެ. އެހެންވެ، އެތަނުގައި ތިބިމީހުންވަނީ އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވަނީ ޕަރްވަތު މަސައްކަތްކުރީ ހަރުފަ ހިފައި ދިރިދިރިއޮއްވާ ކާލުމަށް ކަމަށެވެ. ވިހައިގެ އަސަރުކުރީ ކާލަން އުޅުމުގެ ތެރޭގައި ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މަ ގިނައިރެއް ނުވަނީސް ދަނޑުވެރިޔާ ޕަރްވަތު ގަލަ ބާރިޔާ ވަނީ މަރުވެފައެވެ.