އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން މުމްބާއީ އިންޑިއަންސް ހޯދައިފި އެވެ.

އައިޕީއެލް ފައިނަލްގައި ރޭ ޗެންނާއީ ސުޕަކިންގްސްއާ ވާދަކޮށް މުމްބާއީ ކުރި ހޯދާފައިވަނީ އެއް ލަނޑުންނެވެ.

ފުރަތަމަ ކުޅެން އަރާ 20 އޯވަރު ތެރޭ 8 ވިކެޓް ގެއްލުވާލައިގެން މުމްބާއީއަށް ދެވުނީ 149 ލަނޑެވެ. މިއިނިންގްސްގައި މުމްބާއީގެ ކީރަން ޕޮލާޑް ވަނީ 41 ލަނޑު ހަދާފަ އެވެ.

ޖަވާބުގައި ކުޅެން އަރާ 20 އޯވަރު ތެރޭ 7 ވިކެޓް ގެއްލުވާލައިގެން ޗެންނާއީ އަށް ހެދުނީ 148 ލަނޑެވެ. މިއިނިންގްސްގައި ޗެންނާއީން އެންމެ ރަނގަޅަށް ކުޅެފައިވަނީ ޝޭން ވެޓްސަން އެވެ. އޭނާ ވަނީ މި އިނިންގްސްގައި 80 ލަނޑު ހަދާފަ އެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް ކްރިކެޓް މުބާރާތް މުމްބާއީން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ބެޓްސްމަނަކަށް ސަންރައިސާސް ހައިދްރަބާދްގެ ޑޭވިޑް ވާނާ ހޮވުނުއިރު، އެންމެ ގިނަ ވިކެޓް ނެގި އުކުންތެރިޔަކަށް ހޮވިފައިވަނީ ޗެންނާއީގެ އިމްރާން ތޯހިރެވެ.