ދެން ދާން އޮތީ ކޮން ތަނަކަށްކަން ޒުނޭރަށް އިހުސާސް ކުރެވެއެވެ. އެ ތަނުގައި އުޅެންޖެހޭނެ ހާލު އޭނާއަށް ވަޒަން ކުރެވެއެވެ. ނަމަވެސް މިއަދު ކުރާނެ ކަމެއް ނެތެވެ. ވަގުތު އެ ވަނީ ފާއިތުވެފައެވެ. ދުވަސްތައް އެ ވަނީ މާޒީވެފައެވެ. އެ މާޒީން ޒުނޭރަށް ގެނެސްދެނީ ހިތްދަތިކަމާއި މާޔޫސް ކަމެވެ. އޭނާގެ ލޯމައްޗަށް ސިފަކޮށްދެނީ ނާމާންކަމާއި ބިރުވެރިކަމެވެ. އޭނާގެ ހިތަށް ވައްދައިދެނީ އެކަނިވެރިކަމާއި ބިކަކަމެވެ.

މި ހުރިހާ ކަމެއް ކުރިމަތިވީ ޒުނޭރުގެ ސަބަބުންނެވެ. އެ ހުރިހާ ދުއްޕާނެއް ހޯދައިގަތީ އޭނާ އަމިއްލައަށެވެ. އެކަން އޭނާ ވެސް ގަބޫލުކުރެއެވެ. އެއީ ކުށްވެރިއެކެވެ. ލިބެމުން އެ ދަނީ އެ ޢަޒާބެވެ. އޭގެ ވޭނެވެ. އެ ވޭނުގެ މެދުވެރިންނަކީ އޭނާގެ ދަރީން ހެއްޔެވެ؟ ކޮންމެ ކުށްވެރިއެއްގެ ނިމުން އަންނަނީ އެ ގޮތަށް ހެއްޔެވެ؟ ދަރިންގެ ފަރާތުން ލިބޭނެ ރުހުމެއް ނޯންނަނީ ހެއްޔެވެ؟ ޒުނޭރުގެ އެކަނިވެރި ދިރިއުޅުމާމެދު އޭނާ ދިޔައީ ފިކުރު ކުރަމުންނެވެ. އެކަނިމާއެކަނި އުޅެން ޖެހޭ ހާލާމެދު އޭނާ ދިޔައީ ވިސްނަމުންނެވެ. އަމިއްލަ ދެ ދަރިން ތިބި ނަމަވެސް އެއްވެސް ދަރިއަކު ޒުނޭރުގެ ގާތުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ހަމައެކަނި ހުންނަން ބޭނުން ނުވަނީކީ ނޫނެވެ. ވާހަކަ ދައްކަން ވެސް ބޭނުން ނުވަނީއެވެ. ހާލު ބަލައިލަން ވެސް ބޭނުން ނުވަނީއެވެ.

ޒުނޭރަށް ހީވަމުން ދަނީ އޭނާގެ ފަހު ނޭވާ އޭނާއަށް ގޮވާހެންނެވެ. އެ ނޭވާއިން ގޮވަނީ އޭނާގެ ދެ ދަރިންނަށެވެ. ފިސާރި ލޯބިން ބަލައި ބޮޑުކުރި ދެ ކުދީންނަށެވެ. ހެޔޮ ތަރުބިއްޔަތުދީ ފުރިހަމަ ތަޢުލީމު ދިން ދެ ކުދީންނަށެވެ. ނަމަވެސް ދެ ކުދީން އެތިބީ މާ ދުރުގައެވެ. ދޮށްޓަށް ހުރި ރިފްޢަތު އެ ހުރީ ރާއްޖެއިން ބޭރުގައެވެ. ރާއްޖެ އަންނަން ބޭނުން ނުވެފައެވެ. އަމިއްލަ ވަޒަނަށް އަންނަ ހިތް ކެނޑިފައެވެ. ހަގަށް ހުރި ރިފާ އެ ހުރީ މާލޭގައެވެ. ޒުނޭރާ ބައްދަލުވެދާނެ ކަމަށްޓަކައި ރަށަށް އަންނަން ބޭނުން ނުވެފައެވެ. ރަށު މީހުންގެ ވާހަކަތަކުން އެ ދެ ކަންފަތަށް ކެތްނުވާނެކަން އެނގޭތީއެވެ.

ދެ ދަރިން ޒުނޭރާ ބައްދަލުކުރަން ބޭނުން ނުވާ ސަބަބު އޭނާއަށް އެނގެއެވެ. އެންމެ ފަހުން އެ ދެ ދަރިންނާ ބައްދަލުވި ފަހަރު ދެއްކި ވާހަކަތައް ޒުނޭރު ކަންފަތުގައި ހިފައި އަބަދުވެސް ދަމާކަހަލައެވެ. އޭނާ އެންމެ ބޮޑަށް ހިތުގައި ޖެހެނީ ދޮށީ ދަރިފުޅު ރިފްޢަތުގެ ބަސްތަކުންނެވެ. އޭނާއަށް ހަނދާންވަމުން ދިޔައީ އެ ދަރިފުޅުގެ މަޢާފެއް ނެތް ޖުމުލަތަކެވެ.

"އަހަރެން ދުވަހަކުވެސް މަޢާފެއް ނުކުރާނަން. ތި ހުތުރު ޢަމަލަށް މަޢާފެއް ނުކުރާނަން. ތިއީ އަހަރެންގެ ބައްޕައެއް ނޫން. ބައްޕައެއް ނޫން. ބައްޕައެކޭ ނުވެސް ކިޔާނަން" ޒުނޭރުގެ ލޯ ފެންކަޅިވިއެވެ.

"މީގެ ފަހުން އަހަރެންނަށް ދަރިފުޅޭ ކިޔައި ނުގޮވާތި. އަހަރެން ހޯދަން ވެސް ނޫޅޭތި. ތިއީ ބައްޕައެއް ނޫން. ތިކަހަލަ މުޑުދާރު މީހަކަށް އަހަރެން ބައްޕައެކޭ ނުކިޔާނަން" ދަރިފުޅު ބުނެފައިވާ ޖުމުލަތައް ހިތުގައި ވިކައިގަތް ބާރުކަމުން ޒުނޭރަށް ގިސްލެވެން ފެށުނެވެ.

ޒުނޭރުގެ ކުށް އޭނާ ގަބޫލުކުރެއެވެ. ދެ ކުދީންގެ މަންމަ ވަރިކޮށްލި ގޮތް ހަނދާން ހުރެއެވެ. އަމިއްލަ ގެދޮރު ވިއްކާލާފައި ރާއްޖޭން ބޭރަށް ބަދަލުވެ އުޅުނު އުޅުންވެސް ހަނދާން ހުރެއެވެ. އެ ހުރިހާ ގޯހެއްގެ ހެދީ އެކަމުގެ ތެރެއިންނެވެ. ބޭރުގައި އުޅުނު އުޅުމުންނެވެ. ދުނިޔޭގެ ދަޅައަށް ހެއްލުނު ހެއްލުމުންނެވެ. އެ ހެއްލުމުގައި އެރުނީ ޅޮސް އުނދޯންޔަކަށެވެ. އެ އުނދޯލިން ފޭބުނީކީ ނޫނެވެ. އެ އުނދޯލީން ވެއްޓުނީއެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ކުރިމައްޗަށެވެ. ރޯ އޮރިޔާން ހާލުގައެވެ. މިއަދު ހިތަށް ލިބޭ އެއް ވޭނަކީ ދުނިޔޭގެ ލަދެވެ. އަނެއް ވޭނަކީ ދަރިންގެ ފަރާތުން ލިބޭ ތަދެވެ.

މަރުގެ ތުންފަތް މަތީގައި އޮތް ބައްޕައަށް ބައްޕާއޭ ކިޔައި ގޮވާލާކަށް ދެ ކުދީންގެ ތެރެއިން އެކަކުވެސް މިއަދަކު ބޭނުމެއް ނުވެއެވެ. އެ ބައްޕަގެ ކުރިމައްޗަށް އަންނާކަށް ވެސް ބޭނުމެއް ނުވެއެވެ. އެ ދެކުދީން ކިތަންމެ ނުރުހުނަސް، ބޭނުން ނުވިޔަސް ލޭގެ ގުޅުމެއް ނުކެނޑޭނެއެވެ. ޒުނޭރު ވާނީ ހަމަ އެކުދީންގެ ބައްޕައަށެވެ. އެކަމެއް ބަދަލެއް ނުވާނެއެވެ.

ދަރީންގެ ހިތުގައި ކިތަންމެ ބޮޑު ނަފުރަތެއް އޮތަސް ކޮންމެވެސް ވަރެއްގެ ކުލުނެއް އެ ކުދީންގެ ހިތުގައިވާކަން ޒުނޭރަށް އެނގެއެވެ. އެހެން ނޫންނަމަ އެ އެކަނިވެރި ފަޅު ގޭގައި ނުޒޭރަކަށް ނޯވެވުނީހެވެ. އޭނާއަށް ކޮންމެ ފަހަރަކު ކާންދޭނެ މީހަކު ނުހުރީހެވެ. އޭނާ ފެންވަރުވާ ތާހިރު ކުރުވާނެ މީހަކު ނުވީހެވެ. އެ ހުރިހާ ޚިދުމަތެއް އޭނާއަށް ލިބެނީ ދަރީން އެކަމަށް ޚަރަދު ކުރާތީކަން ނުޒޭރަށް އެނގެއެވެ. ނަމަވެސް އެ ޚިދުމަތްތަކުން ނުޒޭރަށް ލިބެނީ ހިތްދަތިކަމެވެ. ހިތުން ކުރަނީ ޝަކުވާއެވެ. ކޮންމެ އަޅާލުމަކުން ކުރަނީ މަލާމާތެވެ. ބުނާ ކަހަލައެވެ. ތިއީ ބޭކާރު މީހެކެވެ. ދުނިޔޭގައި އުޅުމުގެ ބޭނުން ކެނޑިފައިވާ މީހެކެވެ.

ޒުނޭރުގެ ހިތް ފަޅައިގެން ދެއެވެ. އޭނާގެ ލޯ ކަރުނުން ފުރެއެވެ. ކިތަންމެ ފަހަރަކު މަރުވާން ވެސް ހިތަށް އަރައެވެ. ނަމަވެސް އިތުރު ގޯހެއް ހަދައިގެން ވާނެ މޮޅެއް ނެތްކަން ޒުނޭރަށް އެނގެއެވެ. މަރު ބައްދަލު ކުރާއިރު ދޭނެ ޖަވާބެއް ނޯންނާނެކަން އޭނާއަށް ވެސް ވިސްނެއެވެ. އޭނާގެ ހިތުން ދިޔައީ މެދުކެނޑުމެއް ނެތް ދުއާކުރަމުންނެވެ. ޢަމަލުތަކުން ދިޔައީ ހުއްޓުމެއް ނެތް ތައުބާވަމުންނެވެ. ނަމަވެސް އޭނާގެ ހިތަށް ލިބޭ ފިނިކަމެއް ނެތެވެ. ރޫހަށް ލިބޭ ހިތްހަމަ ޖެހުމެއް ނުވެއެވެ.

ޒުނޭރު ދުނިޔެއާ ވަކިވިއެވެ. އެ ޚަބަރު ހަގު ދަރިފުޅު ރިފާގެ ކަންފަތުގައި ޖެހުނެވެ. އެ ހިނދު ރަށަށް އައުމުގެ ދަތުރު އޭނާ ފެށިއެވެ. އެއީ އޭނާ ނިންމާފައިވާ ގޮތެވެ. އޭނާ ބޭނުންވީ ބައްޕަ ދުނިޔޭގައި ހުއްޓާ އެ ބައްޕައާ ބައްދަލު ނުކުރާށެވެ. އޭނާ ބަލަން ބޭނުންވީ އޭނާގެ ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ. އެއީ އެ ބައްޕައަށް އޮތް ނިމުމެވެ. އެފަދަ ބައްޕައިންނަށް ދަރިންގެ ލޯތްބެއް ބޭނުމެއް ނުވާނެއެވެ. އެހެން ނޫންނަމަ އެގޮތަކަށް ނޫޅޭނެއެވެ. އެފަދަ ބައްޔެއްގައި މަރުވެގެންނެއް ނުދާނެއެވެ. އެ ހުތުރު ލަދުގައެއް ނުބެދޭނެއެވެ.

ރިފާ ރަށަށް ދިޔައެވެ. ދުނިޔޭގެ ލަދަށް އޭނާގެ ބައްޕަގެ މޫނު ބެލިއެވެ. އެހެން މީހުންގެ މަލާމާތުން ސަލާމަތްވުމަށް އެކަމުގައި ބައިވެރިވިއެވެ. މާގިނައިރަކު ރަށުގައި މަޑުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އަވަހަށް ފުރާށެވެ. އުމުރު ދުވަހަށް އެ ފަސްގަނޑާ އަލްވަދާޢުކިޔާށެވެ.

ފުރަން ގޮސް ހުއްޓާ ރިފާގެ އަތަށް އެރީ ސިޓީއެކެވެ. ސިޓީ ގެންގޮސް ދިނީ މަރުވުމާ ހަމައަށް ޒުނޭރަށް އެހީތެރިވި މީހާއެވެ. ރިފާ އެސިޓީ ހިފީ އެ މީހާގެ އަތުން އެ ސިޓީ ހަވާލުކުރުމުންނެވެ.

ރިފާ އެ ސިޓީ ކިޔެވެ. އޭގައިވާ ވާހަކަ ގަބޫލު ނުކުރިޔަސް އޭނާގެ ބޭބެއަށް ވެސް އެ ވާހަކަތައް ހިއްސާކުރިއެވެ.

"ލޯބިވާ ދެ ކުދިންނަށް

އަބަދުވެސް ލޯބިވާނެ ވާހަކަ ބުނަމެވެ.

މިއީ ތިޔަ ދެކުދީންގެ ބައްޕަކަން ތިޔަ ދެ ކުދީން ގަބޫލު ނުކުރިޔަސް ބައްޕައަށް މަޢާފުކުރާނެކަމަށް ބައްޕަ އުންމީދުކުރަމެވެ. ބައްޕަ މި ދުނިޔެ ދޫކުރިޔަސް ބައްޕަގެ މި މެސެޖު ތިޔަ ދެކުދީންކިޔާނެ ކަމަށް ބައްޕަ ހީކުރަމެވެ.

ދަރިފުޅުމެންނޭވެ. ބައްޕައަކީ ކުށްވެރިއަކީމެވެ. ބައްޕައަކީ ގޯސް މީހަކީމެވެ. ހަރާންކަންކަމަށް އަރައިގެނެވުނު މީހަކީމެވެ. އޭގެ ބަދަލުގައި ބައްޕައަށް ލިބުނީ ބައްޔެކެވެ. ފަރުވާނެތް އޭޑްސްބައްޔެވެ. އެ ހިތި ވޭނުގައި ބައްޕަ މި އުޅުނީ ވަރަށް ހިތާމައިގައެވެ. ބައްޕަ ގަބޫލުކުރަނީ އެ ހިތާމައަކީ އިމްތިހާނެއް ކަމަށެވެ. އެ އިމްތިހާނުން ބައްޕަ ފޭލުވިއެވެ. ބައްޕަގެ މުޅި ހަޑިގަނޑުގެ ހުރިހާ ނިޒާމު ފޭލުވިހެންނެވެ.

ބައްޕައަށް މަޢާފުކުރާށެވެ. ނުކުރާނެކަން ވެސް އެނގެއެވެ. އެކަމަކު މި ދުލާއި އަތުގައި ކިރިޔާވެސް ބާރެއް ހުރިނަމަ އެކަމަށް ބައްޕަ އެދޭނަމެވެ. ތިޔަ ދެ ކުދީން ލަދު ގަންނަން ޖެހުނީތީ ބައްޕަ ދެރަވަމެވެ. ބައްޕައާހެދި އުނދަގޫވީތީ ހިތާމަކުރަމެވެ. އެހެން މީހުންގެ ބަދަ ބަސްތައް ތިޔަ ކަންފަތްތަކަށް އިވުނީތީވެ ދެރަވަމެވެ. ނަމަވެސް މިއީ ދުނިޔެއެވެ. ބައްޕަ މި ވަކިވަނީއެވެ. ބައްޕައަށް މަޢާފު ކުރާށެވެ. މި ވަކިވުމަކީ އަސަރު ގަދަ ހިތާމަވެރި ވަކިވުމެކެވެ. ކެތްކުރަން ދަތި ވޭނީ ވަކިވުމެކެވެ.

(ނިމުނީ)