އޭޝިއާ ބައްރުގެ ގައުމުތަކުގެ ޖޫނިއާ އެންމެ މޮޅު ކުޅުންތެރިންގެ މެދުގައި ބާއްވާ ހޯޕްސް މުބާރާތުގެ އަންހެން ބައިގެ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފި އެވެ.

ތައިލޭންޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ދީމާ ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި އީރާން ކުޅުންތެރިޔާ އަތުން 3 ސެޓުން މޮޅުވެގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު 12:30 ގައެވެ.

މި މުބާރާތުގެ ސެމީފައިނަލަށް ދީމާ ދަތުރުކޮށްފައިވަނީ ގްރޫޕުގެ އެންމެ މޮޅު ދެވަނަ ކުޅުންތެރިޔާގެ މަގާމު ހޯދައިގެންނެވެ. އަދި ދީމާ ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. ހަމައެކަނި ބަލިވީ މި ގްރޫޕުގެ އެއްވަނަ ހޯދި އިންޑިއާ ކުޅުންތެރިޔާ އާއި ވާދަކޮށްގެންނެވެ.

ދީމާ މޮޅުވެފައިވަނީ ލުބުނާން އާއި ތައިލޭންޑް އަދި ކަޒަކިސްތާން އަތުންނެވެ. މީގެތެރެއިން ލުބުނާން އަދި ތައިލޭންޑުގެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރި އިރު ކަޒަކިސްތާން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.