ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާންގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު "ޒީރޯ" ބޮކްސްއޮފީހުގައި ފްލޮޕްވެގެން ދިޔުމާއެކު އޭގެ ފަހުން ޝާހު އިތުރު ފިލްމަކަށް ސޮއެކޮށްފައެއް ނުވެ އެވެ.

ދޭތެރެ ދޭތެރެއިން ތަފާތު ޑައިރެކްޓަރުން ޝާހުއަށް އެކި އެކި ފިލްމުތައް ހުށަހަޅާ ވާހަކަ އިވިގެންދެ އެވެ.

އެގޮތުން އެންމެ ފަހުގެ ރިޕޯޓްތައް ބުނަމުންދަނީ އަމިތާބް ބައްޗަންގެ ކުރީގެ މަޝްހޫރު ފިލްމު ސައްތޭ ޕެ ސައްތާގެ އާ ފިލްމުގެ ލީޑް ރޯލު ޝާހްރުކަށް ހުށަހަޅާފައިވާ ކަމަށެވެ.

އޮރިޖިނަލް ފިލްމުގައި ހެމާ މާލިނީ އަދާކުރި ބަތަލާގެ ރޯލު އެކްޓްރެސް ކެޓްރީނާ ކެއިފަށް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

މި ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާނީ ރޯހިތް ޝެޓީ އަދި ފަރާ ޚާން ގުޅިގެން ކަމަށް ހަބަރުތައް ފެތުރިފައިވާއިރު ޕްރޮޖެކްޓާ ބެހޭ އިތުރު އެއްވެސް ވާހަކައެއް އަދި އެނގިފައެއް ނުވެ އެވެ.