ޅ. ކުރެންދޫގައި އޮތް ކަހަލަ ރީތި ފުޓްބޯޅަ ދަނޑެއް އެޅުމަށް ގިނަ ރަށްރަށުން ހުށަހަޅާފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވިއިރު ކުރެންދޫ ފުޓްބޯޅަ ދަނޑަކީ އެރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން އަމިއްލައަށް ހަދާފައިވާ ދަނޑެކެވެ. އެދަނޑު ހެދުމަށްޓަކައި ގާތް ގަނޑަކަށް 3.5 މިލިއަން ދިވެހި ރުފިޔާ އެރަށު ރައްޔިތުން ވަނީ ހަރަދުކޮށްފަ އެވެ.

ބައިނަލްއަގްވާމީ ކުޅިވަރު ހަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުގައި ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ވާހަކަ ޝާއިއުކޮށްފައިވާއިރު، ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެރަށުގެ ޒުވާނުންތަކެއް މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ޣާޒީ ސުކޫލްގައި މިކަމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމަކަށްފަހު އެވެ.

މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރެންދޫގައި އޮތް ކަހަލަ ދަނޑެއް އެޅުމަށް ގިނަ ރަށްރަށުން ހުށަހަޅާފައިވާއިރު ގިނަ އަންހެން ބޭފުޅުން އެދެނީ އައުޓްޑޯ ޖިމެއް ރަށްރަށުގައި ގާއިމްކުރުމަށް ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 50 ވަރަކަށް ރަށުގައި އައުޓްޑޯ ޖިމް ގާއިމްކުރެވޭނެ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ކުޅިވަރުގެ އިތުރުން މުޖުތަމައު ބާރުވެރިކުރުމަށް ރަގަނޅު ޕްރޮގްރާމެއް މިހާރު ދަނީ އެކުލަވާލަމުން ކަމަށެވެ.