ގއ. މެރަދޫގައި ޖުމައިރާ ދެވަނަފުށިގެ ނަމުގައި ހިންގަމުން ގެންދިޔަ ރިސޯޓްގެ ނަން "ރެފްލްސް މޯލްޑިވްސް"ގެ ނަމަށް ރީ-ބްރޭންޑްކޮށް އަލުން ހުޅުވައިފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރެފްލްސް މޯލްޑިވްސްގެ ގޮތުގައި މިރިސޯޓް ހިންގަން ފަށާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެންނެވެ.

މިރިސޯޓް ރީބްރޭންޑްކޮށް ހިންގަން ފެށިއިރު މިރިސޯޓުގައި 21 އައިލެންޑް ވިލާ އާއި 16 އޯޝަން ވިލާ ވަނީ ހަދާފަ އެވެ.

މީގެއިތުރުން 24 ގަޑިއިރު ބަޓްލާގެ ހިދުމަތާއި އިތުރު މޫދު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއެކު ޔޯގާގެ ހިދުމަތް ދިނުމަށްވެސް މިހާރު ވަނީ ފަށާފަ އެވެ.

ރެފްލްސް މޯލްޑިވްސް އަކީ ސިންގަޕޫރުގެ އެންމެ ވަރުގަދަ ހޮޓެލް ޗެއިން، އެކޯ ހޮޓެލްސްއިން ރާއްޖޭގައި ހުޅުވި ހަތަރުވަނަ ރިސޯޓެވެ.