ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވިއިރު ޖުމްލަ 60 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ވިލިމާލޭގެ ވަގުތީ މާރުކޭޓުން 20 ގޮޅި ދޫކުރުމަށް ހަމަޖައްސާފައިވަނީ ވިލިމާލޭގެ ރައްވެހިންނަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ސިޓީ ކައުންސިލްގެ ވިލިމާލޭ ސެކްޝަންގެ ފަރާތުން ޖުމްލަ 80 ފޯމް ދޫކުރިި ކަމަށާއި ނަމަވެސް ފޯމް ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު 12:00 ޖެހިއިރު ހަމަވިއިރު ފޯމް ހުށަހަޅާފައިވަނީ 60 ފަރާތަކުން ކަމަށެވެ. ފޯމްތައް ޗެކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުނަގައިގެން ކަމަށްވެސް ވިދާޅުވި އެވެ. ގުރުނަގާނެ ތާރީހެއް މާދަމާ އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ވިލިމާލޭގައި ވަގުތީ މާރުކޭޓެއް ހަދަނީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ތާޒާ ކަމާއެކު އަދި ފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މޭވާއާއި ތަރުކާރީ ތާޒާކަމާ އެކު ވިލިމާލެއިން ލިބެން ނުހުންނާތީ އެތަކެތި ހޯދަން މާލެ އަންނަންޖެހުމަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަން ފާހަގަކުރެވެ އެވެ.