ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޮރ މާކެޓް ރެގިޔުލޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު ވިޔާފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިޕެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއީލެެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޮރ މާކެޓް ރެގިއުލޭޝަން މިނިސްޓަރ ހިޒް އެކްސިލެންސީ ޒޭންގ މާއޯ އެވެ.

މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމަށްޓަކައި، މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި، ސްޓޭންޑަރޑް ކޮންޒިޔުމަރ ޕްރޮޓެކްޝަންގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭގޮތުން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

ފަހުމުނާމާގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށްޓަކައި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ވޯކްޝޮޕްތައް އަދި ކޮންފަރަންސްތައް މެދުވެރިކޮށް ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށްޓަކައި ކަނޑައެޅޭ ދާއިރާތަކުން މަޝްވަރާ ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ދެގައުމުގެ އޮފިޝަލުންނާއި ތަޖުރިބާކާރުން އެއް ޤައުމުން އަނެއް ޤައުމަށް ޒިޔާރަތް ކުރުމާއި ކަމާބެހޭ ތަމްރީންތައް ފޯރުކޮށްދިނުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި ދެ ދެގައުމުން ކަނޑައަޅާ ދާއިރާތަކަކަުން ކޯޕަރޭޝަންވެސް ކުރިއަށް ގެންދިޔުުމަށް ވަނީ ހަމަޖައްސާފައެވެ.