ޓެކްސީތަކުގައި ހަރުކުރާ މީޓަރުތަކުން ނަގާނެ އަގުތައް ކަނޑައަޅާފައިވާ ކަމަށާއި މި ރޯދަމަސް ނިމުމާއެކު އަގުތައް އިއުލާނުކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ މީޓަރު ހަރުކުރުމަށްފަހު ފީ ނަގާނީ ދަތުރުގެ ދިގުމިނަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް ދިގުމިނަށް އަރާ އަދަދު ކަނޑައަޅާނީ މިނިސްޓްރީން ކަމަށެވެ. މީޓަރުން ނަގާނެ ފީގެ މިންވަރު ކަނޑައަޅައި ނިންމާފައިވާ ކަމަށާއި މި ރޯދަމަސް ނިމޭއިރަށް އަގުތައް އިއުލާނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށްފަހު ނަގާ އަގު އާންމުންނަށްވެސް އަދި ޑްރައިވަރުންނަށްވެސް ހިތްހަމަޖެހޭ އަދަދަކަށް ވާނެ ކަމަށެވެ.

އާދިލް ވިދާޅުވީ ޓެކްސީތަކުގައި މީޓަރުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ މޯބައިލް އެޕްލިކޭޝަނެއް ކަމަށާއި މިއެޕްލިކޭޝަންގެ މިންގަނޑުތައް އަންނަ ހަފުތާގައި އާއްމުކުރާނެ ކަމަށެވެ. ރާއްޖޭގައި މިހާރުވެސް ޓްކްސީ ކުރުމުގައި ބައެއް ފަރާތްތަކުން ބޭނުންކުރަމުންދާ މޯބައިލް އެޕްލިކޭޝަންތައްވެސް މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭނަމަ އެ އެޕްލިކޭޝަންތަކަށް ހުއްދަދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މާލޭގައި ދުއްވާ ހުރިހާ ޓެކްސީތަކެއް އެއްޑިޒައިނަކަށް ބަދަލު ކުރަންވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މާލޭގައި ދުއްވާ ގިނަ ޓެކްސީތައް ހުރީ ވަރަށް ބޮޑަށް ބާވެފައިކަން ފާހަގަކުރައްވަމުން އާދިލް ވިދާޅުވީ ހުރިހާ ޓެކްސީއެއް އެއް ކުލައަކަށާއި އެއް ޑިޒައިނަކަށް ބަދަލުކުރުމަށްވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

އާދިލް އިތުރަށް ވިދާޅުވީ އެއްގޮތަކަށް ޓެކްސީތައް ހުންނަ ނަމަ މާލެ އަންނަ ފަތުރުވެރިންނަށާއި އާންމުންނަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. ޓެކްސީތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ބެހޭގޮތުން ޑްރައިވަރުންނަށް މި ރޯދަ މަހު މައުލޫމާތު ދޭނެ ކަމަށާއި މިބަދަލު ގެނައުމަށް ޑްރައިވަރުންނަށް އަހަރެއްހާ ދުވަހުގެ މުއްދަތެއް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގައި ދުއްވާ ޓެކްސީތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާއަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ. ޓެކްސީތަކުގެ މައްސަލަތައް ހައްލުކޮށް ޓެކްސީތައް އާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ބޭންކުތަކުން ލޯނުވެސް ދޫކުރެ އެވެ.