ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މި ރަމަޟާންމަހު ކުރިއަށްގެންދާ "އެފްއޭ ފުޓްސަލް ކަޕް 2019" ގެ ކުޅުން މިއަދު ހަވީރު ފަށައިފި އެވެ.

އަންހެން އަދި ފިރިހެން ބަޔަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ކްލަބު، ޖަމިއްޔާ، ޖަމާއަތްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

މުޅިން އަލަށް މި މުބާރާތް ބާއްވާއިރު، މިއަހަރުގެ ފިރިހެން ބައިގައި 19 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި މިފަހަރުގެ އަންހެން ބައިގައި ބައިވެރިވެފައިވަނީ 4 ޓީމެވެ.

އެފްއޭއެމް މިނި ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ދަތުރު ކުރާނެއެވެ.

މި މުބާރާތުގެ އަންހެން ބައިގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، ފިރިހެން ބައިގައި މިއަދު ވަނީ ދެމެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި ޔޫއެން ފްރެންޑްސް އާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރިއިރު، ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ދޫނޑިގަލޯނާ އާއި ވިޔަންސާ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ.

އެފްއޭއެމުން މީގެކުރިން ވަނީ މުޅިން އަލަށް އަންހެނުންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުޓްސަލް މުބާރާތެއް ވެސް ބާއްވާފަ އެވެ. އެފަހަރު 9 ޓީމެއް ވާދަކުރިއެވެ.