ޅ. އަތޮޅަށް ހުޅުވާލައިގެން ހިންނަވަރުގައި ބާއްވާ "ބީއެމްއެލް ކީ ފުޓްސަލް ފިއެސްޓާ 2019" ގެ ކުޅުން ރޭ ފަށައިފި އެވެ.

މިއީ ހިންނަވަރުގައި މި މުބާރާތް ބާއްވާ ހަތަރު ވަނަ އަހަރެވެ.

މީގެކުރިން ބޭއްވި ތިން މުބާރާތް "އެކްސް ފުޓްސަލް ޗެލެންޖު" ގެ ނަމުގައި އިންތިޒާމުކުރީ އެރަށުގެ އެމްޕަވަރިން ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއިސް) އިންނެވެ. އެކަމަކު މިއަހަރު މިމުބާރާތް ރީބްރޭންޑް ކުރުމަށްފަހު "ކީ ފުޓްސަލް ފިއެސްޓާ" ގެ ނަމުގައި މުބާރާތް އިންތިޒާމުކުރަނީ ކީ އެސޯސިއޭޝަނުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ.

މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ޝެޑޯސް އާއި މަކާއުއެވެ. މިމެޗު ފަސޭހަކަމާއެކު 6-1 އިން ކާމިޔާބުކުރީ އެފްސީ ޝެޑޯސްއިންނެވެ. އަދި ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ހޯޕް އާއި އެފްސީ ފްރެންޑްސް އެވެ. މިމެޗު 9-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ހޯޕް އިންނެވެ. އަދި ރޭގެ ފަހު މެޗުގައި ކޮމަންޑޫ މޯލްޑިވްސް އާއި ކްލަބު ރިވާސައިޑް ބައްދަލުކުރި މެޗު ނިމުނީ 5-5 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ކުއާޓާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތައް މިމަހުގެ 18 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސާފައިވާއިރު މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ މިފްކޯ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.