ސްރީލަންކާގައި މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށާއި މުސްލިމުންގެ ގެދޮރަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވާން ފަށައިފިއެވެ.

މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ބޮޑެތި ގެއްލުންތައް ދޭން ފެށުމާ ގުޅިގެން ސްރީލަންކާގެ ހުޅަނގުގެ ކުރުނެގަލަ ޑިސްޓްރިކްޓްގެ ގިނަ އަވަށްތަކެއްގައި މިހާރުވަނީ ކާފިއު ނުވަތަ ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ.

ކުރުނެގަލަ ޑިސްޓްރިކްޓްގެ އެތައް މިސްކިތަކަށާއި، މުސްލިމުންގެ ގެދޮރަށް ރޭގައި ހަމަލާދީ ގެއްލުން ދީފައިވާ ކަމަށް މުސްލިމް ކައުންސިލް އޮފް ސްރީލަންކާއިން ހާމަކޮށްފައި ވެއެވެ. އަދި އެ ޑިސްޓްރިކްޓްގެ މުސްލިމުންވެސް އެކަން ކަށަވަރުކޮށް ދީފައި ވެއެވެ.

މިސްކިތްތަކަށާއި، މުސްލިމުންގެ ގެދޮރަށް ގެއްލުން ދިނުމާ ގުޅިގެން ސްރީލަންކާ ފުލުހުން ބަޔަކު ހައްޔަރުވެސް ކުރިއެވެ. އެއާއެކު ދެން ފެނިގެންދިޔައީ ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި، ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ އެ ޑިސްޓްރިކްޓްގެ މަގުތަކަށް މީހުން ނުކުތްތަނެވެ.

"މަސްރަހް ކޮންޓްރޯލް ކުރުމަށްޓަކައި މިރޭ އެއްކޮށްވަނީ ފުލުހުންގެ ކާފިއު އިޢްލާންކޮށްފައި" ސިފައިންގެ ތަރުޖަމާނު ސުމިތު އަޓަޕައްޓު ވިދާޅުވިއެވެ. އެގޮތުން، ކުރުނެގަލަ ޑިސްޓްރިކްޓްގެ އެތައް އަވަށެއްގައި މިހާރުވަނީ ކާފިއު އިޢްލާން ކޮށްފައެވެ.

ކުރުނެގަލަ ޑިސްޓްރިކްޓްގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އަވަށެއް ކަމަށްވާ ކިނިޔަމާގައި ހުންނަ އަބްރާރް މިސްކިތަށް ރޭ ދަންވަރު ހަމަލާދީ މިސްކިތުގެ ބޮޑުދޮރުތަކާއި، ކުޑަދޮރުތަކުގެ ހުރިހާ ބިއްލޫރިތައްވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އަދި މިސްކިތް ތެރޭގައި ހުރި ޚަތިމްގެ ކޮޕީތައްހުރީ އެތަން މިތަނަށް އުކާލާފައެވެ.

އަދި މިސްކިތް ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްވެސްވަނީ ހަލާކު ކޮށްލާފައެވެ.

ރޭގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، އެ ސަރަހައްދުތަކުގައި ސޯޝަލް މީޑިއާއަށް ނުވަދެވޭގޮތް ހަދާފައެވެ. އަދި މެސެޖްކުރާ އެޕްލިކޭޝަންތައްވެސް ބްލޮކް ކޮށްފައި ވެއެވެ.

މިއީ، ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާގެފަހުން މުސްލިމުންނަށާއި، މުސްލިމުންގެ ތަންތަނަށް އަމާޒުކޮށް މިހާތަނަށް ދެވުނު އެންމެ ވަރުގަދަ ހަމަލަތައްކަމަށް މީޑިއާއިން ބުނެއެވެ.

އީސްޓަރ ސަންޑޭގައި ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކަށްފަހު، މިސްކިތްތަކަށާއި، މުސްލިމުންގެ ވިޔަފާރިއާއި، ގެދޮރާއި އަދި މުސްލިމުންނަށްވެސް ހަމަލާތައް ދިނުމާއި، ފުރައްސާރައާއި ޖެއްސުން ކުރުމުގެ އަމަލުތައް ހިންގަމުން ގެންދާ ކަމަށް ބުނެ އެތައް މުސްލިމުން އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށް މުސްލިމް ކައުންސިލް އޮފް ސްރީލަންކާއިން ބުނެފައި ވެއެވެ.