ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ރަމަޟާން ވެޓަރަންސް ކަޕުގައި މިއަދު ކުޅުނު މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކާމިޔާބުކޮށްފިއެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗު މާޒިޔާ ކާމިޔާބުކުރީ ޕޮލިސް ކުލަބާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޕޮލިސް ކުލަބަށްވެސް ލިބިގެންދިޔައެވެ.

މެޗުގައި މާޒިޔާގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ލަތީފް (ރޮނާ) އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާއިން ލީޑު ފުޅާކުރި ގޯލު ޖަހައިދިނީ ފުރަތަމަ ގޯލުވެސް ޖަހައިދިން އާދަމް ލަރީފް (ރޮނާ) އެވެ. އަދި އެ ޓީމުގެ ތިންވަނަ ގޯލު 57 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ އުމަރެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އާދަމް ލަރީފް (ރޮނާ) އެވެ. އަދި 45 އަހަރުންމަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުﷲ ވަހީދެވެ.