މުޅި ސްރީލަންކާގައި މިރޭ ހަގަޑިއިރަށް ކާފިއު އިޢްލާންކޮށް، ފޭސްބުކާއި، ވަޓްސްއެޕް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެސް ބްލޮކްކޮށްލައިފިއެވެ.

މުޅި ސްރީލަންކާގައި ކާފިއު އިޢްލާންކޮށް ސޯޝަލް މީޑިއާ ބްލޮކްކުރީ، މުސްލިމުންނާ ދެކޮޅުވެރި އަމަލުތައް ހިންގުން އިތުރުވުމާ ގުޅިގެން މަސްރަހް ކޮންޓްރޯލް ކުރުމަށެވެ.

ކްރިސްޓިއަން ގްރޫޕްތަކުން ގެންދަނީ، މިސްކިތްތަކާއި، މުސްލިމުންގެ ފިހާރަތަކާއި ގެދޮރަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ފުލުހުން ކުރިން ލަންކާގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިޢްލާން ކުރި ނަމަވެސް، ކްރިސްޓިއަން ގްރޫޕްތަކުން ރަށުތެރެއަށް ނުކުމެ މުސްލިމުންގެ ތަންތަނަށް ހަމަލާދޭން އުޅޭކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން ފުލުހުން މިހާރުވަނީ މުޅި ސްރީލަންކާގައި ކާފިއު އިޢްލާން ކޮށްފައެވެ. އެގޮތުން، މި ރޭ ހަގަޑިއިރަށްވަނީ ކާފިއު އިޢްލާން ކޮށްފައެވެ.

މަސްރަހް އިތުރަށް ނުތަނަވަސްވީ، ކްރިސްޓިއަން ފައްޅިތަކަށް ބަޔަކު ހަމަލާދޭން އުޅޭ ކަމަށް ބުނެ ކްރިސްޓިއަން ފާދިރީއަކު ފައްޅިތަކަށް ފޮނުވި މެސެޖަކާ ގުޅިގެން ކަމަށް ވެއެވެ. މިކަމާހެދި ކްރިސްޓިއަން ގްރޫޕްތައް ރުޅިއައިސްގެން ރަށުތެރެއަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށް އަޑުތައްވަނީ އަރާފައެވެ.

މަސްރަހް އިތުރަށް ހޫނުވުމާ ގުޅިގެން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ، މީހުން ފަތުރާ ތޯތޯ ވާހަކަތައް ގަބޫލު ނުކުރުމަށް އާންމުންނަށް ގޮވާލައްވާފައެވެ. އަދި މިގޮތަށް މަދަނީ ހަމަނުޖެހުންތައް ހިންގާނަމަ ގައުމުގައި ރައްކާތެރިކަން ގާއިމްކުރުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނޭ ކަމަށް އިންޒާރުވެސް ކުރައްވާފައި ވެއެވެ.

ބޮޑުވަޒީރު ރަނިލްވަނީ، ކެތްތެރިވެ ތިބުމަށާއި، ބަޔަކު ފަތުރާ ހަގީގަތެއްނެތް ގޮދު މައުލޫމާތުތަކުގެ އަވާގައި ނުޖެހުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"ސަލާމަތީ ބާރުތަކުން ގެންދަނީ ޓެރަރިސްޓުން އަތުލައިގަތުމަށް މަސައްކަތްކޮށް މި ގައުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން. މިގޮތަށް އާންމުންގެ މެދުގައި ހަމަނުޖެހުން ހިންގާ ކޮންމެ ފަހަރަކު ސަލާމަތީ ބާރުތަކަށް އިތުރު ތަކުލީފުޖެހި، އެމީހުންގެ ތަހްގީގުތަކަށް ހުރަސްތައް އެބަ ކުރިމަތިވޭ" ބޮޑުވަޒީރު ރަނިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ސްރީލަންކާގެ ހުޅަނގުގެ ކުރުނެގަލަ ޑިސްޓްރިކްޓްގައި މުސްލިމުންގެ އެތައް މިސްކިތަކަށާއި، ގެދޮރަށް ރޭގައި ބޮޑެތި ގެއްލުންތައް ދީފައިވާއިރު، ސްރީލަންކާގެ ހުޅަނގު އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޗިލޯގެ މުސްލިމަކު ފޭސްބުކްގައި ލިޔުނު ޕޯސްޓަކާ ގުޅިގެން ކްރިސްޓިއަނުންވަނީ އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް، އަދި މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށްވެސް ބޮޑެތި ގެއްލުންތައް ދީފައެވެ. އެ ސަރަހައްދުތަކުން މީހުން ދުރަށްޖެއްސީ ވައިގެ ތެރެއަށް ބަޑިޖަހައި އިންޒާރުތައް ދީގެންނެވެ.

ޚަބަރުތައް ބުނާގޮތުގައި، ލަންކާގެ ކުލިޔަޕިޓިޔާގައި ސައިކަލްތަކުގައި އުޅޭ ގޭންގަކުން ގެންދަނީ މުސްލިމުންގެ ފިހާރަތަކަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ. އެ ގޭންގްގެ ހަތަރު މެމްބަރަކު ފުލުހުން ހައްޔަރުކުރުމުން އާންމުންގެ ބަޔަކު ފުލުހުންގެ ސްޓޭޝަން ހިސާރު ކުރުމާ ގުޅިގެން ފުލުހުންނަށް ޖެހުނީ ހައްޔަރުކުރި މީހުން ދޫކޮށްލާށެވެ.

ކުރުނެގަލައާއި، ކުލިޔަޕިޓިޔާގެ ހަ މިސްކިތަކަށް ރޭގައި ހަމަލާ ދީފައި ވާއިރު މިސްކިތްތަކަށް ހަމަލާދީފައިވަނީ ކާފިއު އިޢްލާން ކޮށްފައި ވަނިކޮށްކަން މުސްލިމުން ފާހަގަ ކުރެއެވެ.