ޕާކިސްތާނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ކީޓާގައި ސައިކަލެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮވުމުގެ ސަބަބުން ފުލުހުން ހަތަރުމީހުން މަރުވެއްޖެއެވެ.

ބޮން ހަރުކޮށްފައިވާ ސައިކަލު ގޮއްވާލާފައިވަނީ ކީޓާގެ މިސްކިތެއްގެ ކައިރީގައެވެ.

މިއީ، ފުލުހުންގެ ވެހިކަލަށް އަމާޒުކޮށް ގޮއްވާލި ބޮމެއް ކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިހާދިސާގައި ފުލުހުންގެ ހަތަރު މީހުން މަރުވުމުގެ އިތުރުން، އިތުރު އެގާރަ މީހަކު ޒަޚަމްވިކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ކީޓާގެ މިސްކިތެއްގެ ކައިރީގައި ބޮމެއް މި ގޮއްވާލީ މި ރަމަޟާންމަހާ ދިމާކޮށް ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަކޮށްފައި ވަނިކޮށް ވެސް މެއެވެ.

ކީޓާގެ ފުލުހުންގެ ވެރިޔާ އަބްދުލް ރައްޒާގު ޝީމާ ވިދާޅުވީ، ބޮމުގެ ހަމަލާގައި ޒަޚަމްވި އެގާރަ މީހުންގެ ތެރޭގައި ފުލުހުންގެ ދެމީހަކުވެސް ހިމެނޭ ކަމަށެވެ. ގޮއްވާލާފައިވަނީ ސައިކަލުގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަލޫޗިސްތާން ޕްރޮވިންސްގެ ހޯމް އެފެއަރޒް މިނިސްޓަރ ޒިއާއުﷲ ލަންގޫވް ވިދާޅުވީ، މިސްކިތް ކައިރީގައި ބޮން ގޮއްވާލާފައިވަނީ މީހުން މަޣުރިބް ނަމާދަށް ތިއްބައި ކަމަށެވެ.

ޕާކިސްތާނުގެ އިރުމަތީ ލާހޫރު ސިޓީގައި ސޫފީންގެ ފައްޅިއެއްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި ފުލުހުންގެ ވޭނަކަށް މިދިޔަ ހަފްތާގައި ޖާނު ގޮއްވާލައިގެން މީހަކު ދިން ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެފައި ވެއެވެ.