މީލާދީން 1902 ވަނަ އަހަރު ރާއްޖޭގައި ހުތުރުވެގެންވާ ބައާވާތެއް ހިނގިއެވެ. އެ ބައާވާތުގެ މޭސްތިރިންނަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި އެކިލެގެފާނުގެ ބޭފުޅުންނެވެ. އެބޭފުޅުން ކުރެއްވި ކަމަކީ ހާޖީ އިމާދުއްދީނުގެ ރަސްކަން އިންގިލާބުކޮށް އަތިރީގޭ ބޭފުޅުން އަންގަވާހައި ގޮތަކަށް އަމަލުކުރައްވާނެ ބޭފުޅަކު ތަޚުތުގައި ވެޑުވުމެވެ. އެބޭފުޅަކީ މުހައްމަދު ޝަމްސުއްދީނު ތިންވަނައެވެ.

އެއްރެއެއްގެ ދަންވަރު މި ސަކަރާތެއްޖަހައި ވެރިކަން އިންގިލާބުކުރުމަށްފަހު އަތިރީގޭ ބޭފުޅުން އަވަސްވެވަޑައިގަތީ ދީނާއި ދުނިޔަވީގޮތުން މިއީ ސައްހަ ބަދަލެއްކަން ރައްޔިތުންނަށް ދެއްކެވުމަށެވެ. އެކަން އެބޭފުޅުންނަކަށް ނުކުރެއްވުނެވެ. އެކަން ކުރައްވާން ހައްދަވައިގެން އަނެއްކާވެސް ތާރީޚަށް އިތުރުވެގެން ދިޔައީ ހުތުރުކަންބޮޑުވެގެންވާ ބާބުތަކެކެވެ.

މި ލިޔުމުގައި އަލިއަޅުވައިލާންކަމަށް ގަސްތުކުރަނީ މިފަދަ އެއްބާބަށެވެ. އަތިރީގެއިން ރާވައިގެން ޚަރަދުކޮށްގެން ހިންގުނު މި ބައާވާތް ސައްހަ ނޫންކަމަށް ވިދާޅުވި އިލްމުވެރިންނާއިމެދު އެބޭފުޅުން ކަންތައް ހިންގެވި މަގުގެ ބާބެވެ. ތާރީޚުން ފެންނާން ހުންނަ މިޒާތުގެ ފިލާވަޅުތަކަކީ ވިސްނައި ފިކުރު ހިންގާބަޔަކަށް ކޮންމެވެސް އެއްދުވަހަކުން ކޮންމެވެސް ކަހަލަ ފައިދާތަކެއް ލިބިދާނެ އެއްޗެއް ކަމަށް ހީކުރަމުންނެވެ.

އޭރު ރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވީ ޝައިޚް އަލިދީދީއެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ތިޔަކުރެއްވީ ބައާވާތެއް ކަމުގައެވެ. ހަރާމް ބައާވާތެއްގައި ޝަރުއީ އަދި ގާނޫނީ ކުލަޖެއްސޭނެ އެއްވެސް ހަމައެއް ނޯންނާނެކަމަށާއި އެކަން އޭނާ ނުކުރައްވާނެ ކަމުގައެވެ. އޭގެފަހުން އަލިދީދީ ދުށް މީހަކު ނެތެވެ. ހަތަރުފަސް ދުވަހަކުން އިވުނީ އަލިދީދީ ބިރުފުޅުން ހުންފުޅެއް އައިސްގެން އަވަހާރަވެއްޖެކަމުގައެވެ. އެކަމަކު ހަގީގަތަކީ އެޔެއް ނޫނެވެ. އެބައާވާތުގައި ޝަރުއީ ސިއްކަ ޖައްސަވަން އަލިދީދީ އިންކާރުކުރެއްވީމާ އަވަހާރަކޮށްލީއެވެ.

އަލިދީދީއަށްފަހު ދެން އިލްމީގޮތުން ހުންނެވި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ނާއިބުތުއްތުއެވެ. އެރި އިރާއެކު ނާއިބުތުއްތުއަށް ޚަބަރު ލިބިވަޑައިގަތީ ޝަމްސުއްދީނު ތަޚުތުގައި ވަޑުވައިފިކަމެވެ. ހަރުކޮށް ހިންގަވާފައި އޭނާ ގަޑުވަރަށް ވަޑައިގެންނެވިއިރު ގުޅަކުޅޭ ފަސްގަޑަށް ހަވަރުއޮތީ ޖަމާވެފައެވެ. އެހެންކަމުން ތުއްތު ގަސްތުކުރެއްވީ ދީނާއި ދުނިޔަވީގޮތުން ހެޔޮގޮތް ރައްޔިތުންނަށް ވިސްނައިދެއްވުމަށެވެ.

ނާއިބުތުއްތު ވިދާޅުވިއެވެ. ބޭކަލުންނޭވެ. އިމާދުއްދީނު ރަދުން ތިޔަބޭކަލުން ދޫކުރައްވާފައި ވަޑައިގެންނެވީއެއް ނޫނެވެ. އަމިއްލަފުޅު މުހުތާދެއްގައި ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީއެވެ. އެހެންވީމާ ތަޚުތު ހުހެެއްނުވެއެވެ. ރަސްކަލަކު އެބަހުންނެވިއެވެ. ތަޚުތު ހުސްނުވަނީސް ރަސްގެފާނު ވަޑައިގެން ނެތް ވަގުތެއްގައި އެހެން ރަސްކަލަކަށް ބައިއަތު ހިފުމަކީ އެއްވެސް ގޮތަކުން ހުއްދަވާނޭ ކަމެއް ނޫނެވެ. އެކަން ހުއްދަކަމަށް ތިޔަބޭކަލުންނަށް ފެނުނީ ކޮން ފޮތަކުންހެއްޔެވެ. ހަމަޔަގީނުންވެސް ތިޔަކަމަކީ އަހަރެމެން އީމާންވެގެން މިތިބަ ފޮތް ހުއްދަކުރާކަމެއް ނޫނެވެ.

ނާއިބުތުއްތު މިމޭރުމުން ތަގުރީރު ކުރެއްވިއިރު ހަވަރު ކޮންޓްރޯލް ކުރައްވައިގެން ގުޅަކުޅޭ ފަސްގަޑުގައި އެމީހުންނަށް އިރުޝާދު ދެއްވަން ހުންނެވީ އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ތުއްތުގެ އިލްމީ ހުއްޖަތަށް ދޭނޭ ރައްދެއް ނެތުނީމާ ރަންނަބަނޑޭރި ކިލެގެފާނު ވިދާޅުވިއެވެ. އޭ މިހިރަ ތުއްތޫއެވެ. ތިޔަބުނާ ފޮތް ދުށީ ކަލޭ އެކަންޏެއް ނޫނެވެ. އަހަރެމެންވެސް ތިޔަފޮތް ދުށީމެވެ. ބޭކަލުންނޭވެ. މީނާ ގެންގޮސް އޮޑިޔަށްލާށެވެ. ދެން މިތަނުގައި ތިބި މީސްތަކުންގެ ތެރެއިން އަތިރީގެއިން ކޮއްތު ލިބޭ ބަޔަކު ތުއްތުގެ ގަޔަށް ބޮލަށް އަރައި ވައްޓާލައި ތަޅަމުން ސައްޕުޖަހަމުންގޮސް ބަނދަރުގައިއޮތް އޮޑިޔަކަށް ލައިފިއެވެ. ތުއްތު އަވަހާރަވީ ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫއަށް މިގޮތުން އަރުވާލެވިފައި ހުންނަވަނިކޮށެވެ.

އިލްމުވެރިއެއްގެ ގޮތުން އަދި ފޮތުގެ އަހުލުވެރިއެއްގެ ގޮތުން ނާއިބުތުއްތު އޭނާގެ ޒިންމާ އަދާކުރެއްވިއެވެ. އެކަމަކު އެދުވަހު އޮތީ ފޮތުގެ ބާރެއް ނޫނެވެ. އެދުވަހު އޮތީ އަމިއްލަ އެދުމާއި ދަހިވެތިކަމުގެ ބާރެވެ. އެހެންވީމާ އިހާނެތިކަމުގެ މަގަކުން ތުއްތުއާމެދު އަމަލުކޮށް ނިންމައިލީއެވެ. އޭގެ ސަތޭކަސަތާރަ އަހަރު ފަހުން މިއަދު އޮތީ ކޮންކަހަލަ ބާރެއް ބާވައެވެ. ފޮތުގެ ބާރު ނޫނީ އަމިއްލަ އެދުމުގެ ބާރު ބާވައެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ރިއާޔަތްކުރީމާ ބުރަވެވެނީ އަމިއްލަ އެދުމުގެ ބާރުކަމަށެވެ. ހަވާނަފުސުގެ ބާރުކަމަށެވެ.

މިއަދު އަޅުގަޑުމެންގެ ތެރޭގައި ދެފޮތެއް އެބައޮވެއެވެ. އާޚިރަތަށް މަގުދައްކާ ފޮތަކާއި އެފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވެރިކަން ހިންގުމުގެ ދުސްތޫރެވެ. ދެފޮތުގައިވެސް ލިޔެވިފައިވަނީ ކަޅާއި ހުދުންނެވެ. އެކަމަކު ފޮތަށް ބަލައިގެން ކަންކަން ކުރުމުގެ ރޫހަށްވުރެ ބޮޑަށް ފެންނަނީ ހިތަށްއެރިގޮތަކަށް ކަންކަންކޮށްފައި މަތިއޮމާންކުރުމަށްޓަކައި ފޮތުން ކޮންމެވެސް ކަހަލަ ހުއްޖަތެއް ދެއްކޭތޯ ގަދައަޅާ މަންޒަރެވެ. އެންމެންވެސް އެދުރުވެފައި ތިބެންޖެހެނީ ކުރިން ދެންނެވި ދެފޮތަށެވެ. އެކަމަކު ފެންނަ މަންޒަރުތަކުން ގަބޫލުކުރެވެނީ އަދި އެހެން އެއްޗެކެވެ. ތަބާވެގެން މިތިބެވެނީ ދޮޅަސްސޯޅަ ފޮތަށެވެ.

އަޅުގަޑުމެންގެ ތެރޭގައި ކަންކަން ހުރިނެތްގޮތް އެންމެ ކުރުކޮށް ފޮނިކޮށް ބަޔާންކުރައްވާފައިވަނީ މަޝްހޫރު އަދީބު އަދި ޝާއިރު މުލީ އަބްދު ﷲ ސޯދިގެވެ. އޭނާގެ ޅެމެއްގައި ވިދާޅުވެފައިވެއެވެ.

އެންމެން ކިޔެވީ އެއްފޮތަކުންނޭ،

ފެންނަގޮތުން ދިހަބާރަ ފޮތުންނޭ،

ނެތް ނުކުރާކަ ކަމެއް މަދަރީންނޭ،

ދެންވެސް ކިޔަނީ އިސްލާމުންނޭ.

ބަދުއަޚުލާގުން ހޯދާ ޝުހުރަތު،

ލަދުތަދު ފިސްކޮށް ނައްތާ އީރަތު،

މަދުއެތިކޮޅަކަށް ވިއްކާ އިސްމަތު،

ދެންވެސް ކިޔަނީ އިސްލާމުންނޭ.