ދުނިޔޭގައި ލައްވާފައިވާ ކޮންމެ ދިރުމެއް ވެސް ލައްވާފައިވަނީ އެކަތި އަނެކައްޗަށް ބޭނުންވާ ފަދައިންނެވެ. ބުއްދިއާއި ވިސްނުން ދެއްވި އިންސާނުން ވެސް ލައްވާފައިވަނީ މި ހަމައިގެ ތެރޭގައެވެ. އެހެންވީމާ އެކަނިމާ އެކަނި އެކަކަށްވެސް ނޫޅެވެއެވެ. އުފާވެރި ހަޔާތަކަށް އެ މީހަކާއެކު އުޅޭނެ ބައިވެރިއަކު އިޚުތިޔާރު ކުރަންޖެހެއެވެ. މިގޮތުން ރަޝްފާ އިޚުތިޔާރު ކުރީ ރަށުން ބޭރު މީހެކެވެ. ގައުމުން ވެސް ބޭރު މީހެކެވެ. އެ އިޚުތިޔާރު ވެގެންދިޔައީ ރަޝްފާގެ މަންމައާއި ބައްޕަގެ ހިތްހަމަ ނުޖެހުން ފެށުމުގެ އަސްލަށެވެ.

ރަޝްފާއަކީ އޭނާގެ މަންމައާއި ބައްޕައަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެ ދެމީހުންގެ ލޮލުގެ ނޫރެވެ. އެ ދެ ހިތުގެ ވިންދެވެ. އެ ދެމީހުންގެ ހުވަފެންތަކުގައި ޖައްސަމުން ދިޔަ ކުލައެވެ. ރަޝްފާ ވެސް އެ ދެމީހުންދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ދެމީހުން ބޭނުންވާހާ ކަމެއް ކުރަމުން ދިޔައެވެ. އެ ދެމީހުން ބޭނުންވިހާ ގޮތަކަށް އުޅެމުން ދިޔައެވެ. ރަޝްފާގެ މައިންބަފައިންގެ ބަހަށް އޭނާ ނުކޮށް ދޫކޮށްލީ އެންމެ ކަމެކެވެ. އެއީ އޭނާ ޚިޔާރުކުރި އިޚުތިޔާރުކުރުން ދޫކޮށްލުމެވެ. އެކަން ވީ ބޮޑު ކަމަކަށެވެ. ރަޝްފާއާއި އޭނާގެ މައިންބަފައިންގެ ބަދަހި ގުޅުން ހީނަރުކޮށްލި ސަބަބަކަށެވެ.

"ތި ކައިވެނިކުރާކަށް މަންމަ ގަބޫލެއް ނޫން. އަދި ބައްޕަ ވެސް ގަބޫލެއް ނުވާނެ. ތި ނޫން މީހަކާ ދަރިފުޅު އިނދޭ. ރާއްޖެ މީހަކު އިޚުތިޔާރު ކުރޭ. އޭރުން މަންމައަށް ގަބޫލު ވެވިދާނެ. މަންމައަށް މައްސަލައެއް ނެތް ރާއްޖޭގެ ކޮންމެ ހިސާބަކުން މީހަކާ އިނަސް. ދަރިފުޅު ޒާކިރާ އިންނާކަށް މަންމައަކަށް ގަބޫލެއް ނުވެވޭނެ. އަދި އަމުދުން ބަންގާޅިއަކާ އިނުމަކީ މަންމައަށް ގަބޫލުކުރެވޭނެ ކަމެއް ނޫން" ރަޝްފާގެ ވާހަކަތަކަށް އޭނާގެ މަންމަ ދިޔައީ ދެކޮޅު ހަދަމުންނެވެ. އެ ކައިވެންޏަށް އޭނާގެ މަންމަ ދިޔައީ ފާޅުގައި ނޫނެކޭ ބުނަމުންނެވެ. ނަމަވެސް ރަޝްފާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ހިތްހަމަ ނުޖެހުނީ މަންމަދެކެއެވެ.

"މަންމަމެން ވެސް ތި ހުންނަނީ ބައްޕަގެ ވިސްނުން. އަހަރެން ދެކެ ލޯބިވާނަމަ އަހަރެން ބޭނުންވާ ކަންކަމަށް މަންމަވެސް އާއެކޭ ބުނާނެ. އަހަރެން ބަނގުލަދޭޝް މީހަކާ އިނުމަކީ މައްސަލައެއްތަ؟ އެއީ ވެސް ހަމަ އަހަރެމެންކަހަލަ އިންސާނެއް. އޭނާގެ ވެސް އޮންނަނީ ހިތެއް. އޭނާ ވެސް ވަނީ ލޯބި. ކީއްވެތަ ނުގަބޫލު ވާންވީ. އަހަރެން އިންނާނެ މީހަކު އެނގޭނީ އަހަރެންނަށް. އެއީ މަންމަމެން ބެހެން ޖެހޭ ކަމެއް ނޫން. އެހެން ނޫނަސް އަހަރެން އިންނަން މި އުޅެނީ ގޯސް މީހެއް ނޫންކަން މަންމައަށް ވެސް އެނގޭނެ" ރަޝްފާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"ދަރިފުޅަށް ވެސް އެނގޭނެ މަންމަމެން ދަރިފުޅަށް ދެރަގޮތެއް ހަދާކަށް ބޭނުމެއް ނުވާނެކަން. މަންމަވެސް ބައްޕަ ވެސް ދަރިފުޅަށް އެދެނީ އެހެންމެ ރަނގަޅު ގޮތްކަން" މަންމަ ދައްކަމުން ދިޔަ ވާހަކަތައް ރަޝްފާ މެދުކަނޑުވާލިއެވެ.

"ތިޔަ ހެޔޮކަމާއި ރަނގަޅުކަން އެނގިއްޖެ. އަހަރެން އެންމެ ބޭނުންވި ކަންތަކަށް ތި އަޅަނީ ހުރަސް. އަހަރެން އެންމެ ލޯބިވީ މީހާއާ ތިޔަ ކުރަނީ ދުރު. އަހަރެންގެ ހުވަފެންތައް ތިޔަ ކޮށްލަނީ ހަލާކު. މަޔަކު ދަރިއަކުދެކެ ލޯބިވެވޭނީ ތިވަރަށް" ރަޝްފާގެ ދުލުން ބޭރުކުރި މަލާމާތުގެ ޖުމުލަތަކެވެ. އެ ޖުމުލަތަކުން އެ މަންމަ ވެސް އައީ ރުޅިއެވެ.

"ރަޝްފާއަކަށް ތިގޮތަކަށް ނުބުނެވޭނެ. މިއޮތް ހުރިހާ ދުވަހަކު ބޭނުންވީ ހުރިހާ ކަމެއް ކޮށްދިނިން. ދުވަހަކުވެސް ރަޝްފާއަށް ދެރައެއް ދިނުމަށް މަސައްކަތެއް ނުކުރަން. އަޅެ ބުނެބަލަ؟ އަނިޔާއެއް ކުރިންތަ؟ ދެރައެއް ދިނިންތަ؟ ހިތުގައި ޖެއްސިންތަ؟" ތުރުތުރު އަޅަމުން ދިޔަ މަންމަގެ އަޑު ބާރުވަމުން ދިޔައެވެ.

"މި އޮތް ހުރިހާ ދުވަހު އަނިޔާ ނުކޮށް ތިހުރީ މި އަނިޔާ ދިނުމަކަށް ނު. އަހަރެންގެ ހިތަށް މިއަދު މި ލިބޭ އަނިޔާއަށްވުރެ ބޮޑު އަނިޔާއެއް ދުވަހަކުވެސް ނުލިބޭ. ނުވެސް ލިބޭނެ" ރަޝްފާގެ ޖުމުލަތައް ވެސް ބާރުވަމުން ދިޔައެވެ.

އެ ޒުވާބުގަނޑު ހިނގަމުން ދިޔަ ވަގުތު ގެއަށް އައިސްވަނީ ރަޝްފާގެ ބައްޕަ ޒުބޭރެވެ. ރަޝްފާ ޒުވާބުކުރާ ސަބަބު ދެނެގަންނާކަށް ޒުބޭރަކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ރަޝްފާގެ މަންމަ ގޮސް ޒުބޭރު ގައި ބައްދައިގަތުމާއެކު ވީގޮތް ޒުބޭރަށް އޮޅުންފިލިއެވެ.

"ތިޔަ ކައިވެންޏެއް ނުކުރެވޭނެ. މިގެއަށް މަސައްކަތް ކުރަން އައި ބިދޭސީއަކާ އިންނާކަށް ކަލޭ ލަދެއް ނުގަނޭތަ؟ ބަލަ ޒާކިރު އެއީ ކާކު؟ އެނާ ނޫން މީހަކު ކަލެއަކަށް ނުފެނުނުތަ؟ މި ބޮޑު ދުނިޔެއިން މީހުން ހުސްވީތަ؟ ހުވާކޮށްފައި މިބުނީ އެ ޒާކިރާ އިންނާކަށް އަހަަރެން ވަލީއެއް ނުދޭނަން. އަޑު އިވިއްޖެތަ؟" ރަޝްފާގެ ބައްޕަގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. އޭނާގެ ރާގުގައި ވަނީ ހަރުކަށިކަމެވެ.

"ޒާކިރަކީ ކާކުކަން ބައްޕަމެންނަށް އެނގޭނެ. އޭނާއަކީ ކާކުކަން ބުނެދޭކަށް ނުޖެހޭނެ. އެއީ މިގޭގެ ހުރިހާ ކަމެއް ބަލަހައްޓައިދިން މީހާ. އަހަރެމެންގެ އަރުތެރެއަށް އެތެރެވިހާ ކާއެތިކޮޅެއް ހަދައިދިން މީހާ. އަހަރެމެންގެ އަންނައުނުތައް ދޮވެދިން މީހާ. އަހަރެމެންގެ މި ބޮޑު ގޭތެރެ ފޮޅާ ސާފުކޮށްދިން ފަރާތް. ވަރަށް ފަހަކާ ޖެހެންދެން ވެސް މަންމައާއި ބައްޕަގެ ދުލުން ތަޢުރީފު ކުރި މީހާ. މިއަދު އެއީ ކާކުތޯ ސުވާލުކުރަން ބައްްޕަ ވެސް ލަދު ގަންނަން ޖެހޭނެ. އެއީ އަހަރެންގެ ލޯބިވެރިޔާ. އަހަރެން އިންނާނީ ޒާކިރާ. އެ ނޫން މީހަކު އަހަރެން ބޭނުމެއް ނޫން. ނުވެސް އިންނާނަން" ރަޝްފާ ވާހަކަދެއްކީ ކެރުމާއި ޢަޒުމާއެކުއެވެ. އެ ވާހަކަތަކުން ޒުބޭރަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އެނާގެ ދަރިފުޅު އެ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އެ ދަރިފުޅު މޮޔަ ވީހެއްޔެވެ؟ ދީވާނާ ވީހެއްޔެވެ؟

"މި ބުނީނު ޒާކިރަކާ ނުއިނދެވޭނޭ. ތިކަން ހުއްޓާލާށޭ. ތިޔަކަން ވިޔަކަ ނުދޭނަމޭ" ޒުބޭރު ވެސް އޭނާ ގޮތުގައި ހުރިކަން ހާމަކުރިއެވެ.

"ބައްޕަ ހީކުރީ އޭނާ މިގެއިން ބޭރުކޮށްލީމާ އަހަރެންގެ ހިތުން ޒާކިރަށް ދެވިފައިވާ ޖާގަ ގެއްލުވައިލެވިދާނެކަމަށްތަ؟ އެކަމެއް ނުވާނެ. އަހަރެންގެ ހިތުގައިވަނީ ހަމައެކަނި ޒާކިރު. އަހަރެން އޭނާއާ އިންނާނަން. މަންމައާއި ބައްޕަ ނުގަބޫލަސް އަހަރެން އިންނާނަށް. އެކަން ހުއްޓައެއް ނުލާނަން. މިގެއިން ނުކުނަން ޖެހުނަސް އަހަރެން ބޭނުންވަނީ އޭނާ. މި ނިންމުން ބަދަލެއް ނުކުރާނަން" ރަޝްފާ އޭނާގެ ފަހުބަސް އެ ބައްޕައާއި މަންމައަށް އިއްވިއެވެ.

"އެންމެ ރަނގަޅު. މި މަންމައާއި ބައްޕަ މިއަދަކު މުހިންމެއް ނުވި. އަހަރެމެންވީ ގުރުބާނީގެ އަގެއް ނެތް. އަހަރެމެންނަކީ އެއްވެސް ބައެއް ނޫން. ތިޔަ ޒާކިރު މުހިންމުނަމަ މިގެއިން ނުކުމެގެންދޭ. ތިޔަ ލޯބިވާ ޒާކިރު ފަހަތުން ދުވޭ. އަހަރެންނަށް ހެޔޮ ދުވަހަކު މިގެއަށް ނަޔަސް. އެކަމަކު ބުނަން ކަލެއަށް ތިއުޅެނީ އަދި ބަނގުލަދޭޝް މީހުން ދަސްނުވެގެން. އެމީހުންގެ މަކަރުވެރިކަން ނޭނގިގެން. ފަހުން އެނބުރި ނާންނާތި" ފެންކަޅިވެފައިވާ ޒުބޭރުގެ ދުލުން އަތުރާލީ ދުވަހަކުވެސް އެ ދުލުން އަތުރާލަން ޖެހިދާނެކަމަށް ގަބޫލުކޮށްފައިވާ ޖުމުލަތަކެއް ނޫނެވެ. މިއަދު އެ ޖުމުލަތައް އަތުރަން އޭނާގެ ހިތް މަޖުބޫރުކުރީއެވެ. އޭނާގެ ނަފުސުގެ މައްޗަށް ގަދަވެގަންނާނެހާ ހިއްވަރު އޭނާއަށް ނުލިބުނީއެވެ. އެ ވާހަކަތަކަށް ފަހު ޒުބޭރާއި އޭނާގެ އަންހެނުން ވަނީ ކޮޓަރިއަށެވެ. ރަޝްފާ ހިނގައިގަތީ ބޭރަށެވެ.

ދަންވަރު ތިނެއް ޖެހި އިރުވެސް ރަޝްފާ ގެއަކަށް ނާދެއެވެ. އޭނާ ވީތަނެއް ނޭނގެއެވެ. އެކަމަކާ ރަޝްފާގެ މަންމަ ކަންބޮޑުވިއެވެ. އެ ޝަކުވާ ޒުބޭރު ގާތު ކުރިއެވެ.

"ދެން ތި ވާހަކަ ނުދައްކާ. އަހަރެމެންގެ ބާރުފޯރާވަރަށް ވުރެ އޭނާ އެހުރީ ބޯހަރުވެފައި. އޭނާ ބޭނުންވާ ގޮތަކަށް ކަންކަން ކުރަން ދޫކޮށްލާ. އެކަމާ ނުވިސްނާ" ހިތްހަމަ ނުޖެހިގެން ހުރެ ޒުބޭރު ޖަވާބު ދިނެވެ.

"އެއީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު. އޭނާ އެންމެ ބޭނުންވި ކަންތަކާ އަހަރެމެން މި ދެކޮޅު ހަދަނީ. އެނާ ވެސް އެ ހުރީ ގޮތް ދޫކުރާކަށް ނޫން. މިގެއިން ނުކުމެގެން ދާންޖެހުނަސް އޭނާ އެ ހުރީ އެކަން ކުރާގޮތަށް. އަހަރެންނަށް ފެންނަނީ އޭނާ ބޭނުންވާ ކަންތަކާ ގަބޫލުވާން" ރަޝްފާގެ މަންމަ ވިސްނީ މައްސަލަ ހައްލުކުރާށެވެ. ރަޝްފާއަށް ދޫދޭށެވެ.

"ނޫން. ތިކަމެއް ނުވާނެ. ދުވަހަކުވެސް އަހަރެން ތިކަމަކާ ގަބޫލެއް ނުވާނަން. ރަޝްފާ ބޭނުންގޮތަކަށް އޭނާ އުޅެންވީ. އޭނާ އުޅޭގޮތެއް އަހަރެންނެއް ނުބަލާނަން. އޭނާ ހޯދާކަށް އަހަރެންނެއް ނުދާނަން" ޒުބޭރުގެ ވިސްނުންހުރި ގޮތް އެނާ ހާމަކުރިއެވެ. އެ ވިސްނުމަށް ރަޝްފާގެ މަންމަ ހިތާމަކުރިއެވެ. އެ ވިސްނުން ދެން ބަދަލު ނުވާނެކަން އެނގޭތީ ދެރަވިއެވެ.

ހަފުތާއެއް ވީއިރު ރަޝްފާ ހުރީ ބަނގުލަދޭޝްގައެވެ. އޭނާ އެންމެ ލޯބިވާ ޒާކިރާއެކު އޭނާގެ އަމިއްލަ ގޭގައެވެ. ޒާކިރުގެ ގައުމުގައި އޭނާއާ ކައިވެނިކޮށްގެންނެވެ. އެ ހުރިހާ ކަމެއް ރަޝްފާ ކުރީ ވަރަށް ރޭވުންތެރިކަމާއެކުއެވެ. އެ ރޭވުންތެރިކަމުގެ ފަހަތުގައި ވަނީ ވަފާތެރި ލޯތްބެވެ. ތެދުވެރި ގުޅުމެވެ. އެ ގުޅުމުން ރަޝްފާއަށް ލިބުނީ ބަޔާން ނުކުރެވޭފަދަ އުފަލެކެވެ. އެ އުފަލުގައި ހަމައެކަނި މަދީ އޭނާގެ މަންމައާ ބައްޕަގެ ބައިވެރިވުމެވެ. އެ މައިންބަފައިންގެ ރުހުމެވެ. ރަޝްފާ ގަބޫލުކުރީ އޭނާގެ ކުރިމަގު ގުޅިފައިވަނީ ޒާކިރާކަމެވެ. އޭނާގެ އުންމީދުތައް ގުޅިފައިވަނީ ބަނގުލަދޭޝްގައި ކަމެވެ. ނަމަވެސް އެ ގުޅުމުން ރަޝްފާގެ މައިންބަފައިން އެވަނީ ވަކިވެފައެވެ. އުމުރު ދުވަހަށް ދުރުވެފައެވެ. ބައެއް ދިރިއުޅުމުން އެތައް މޭލެއް ދުރަށް މީހާ ގެންގޮސްދެއެވެ. އެހެން ވަޒަނަކަށް މީހާ ނިސްބަތް ކުރުވައެވެ. މިއަދު ރަޝްފާ ކުރަނީ އެ ތަޖުރިބާއެވެ.

(ނިމުނީ)