މާލޭގެ ވެސްޓް ޕާކުގައި ހަދާފައިވާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް އިއުލާން ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ވެސްޓް ޕާކުގައި ހަދާފައިވާ މާރުކޭޓުގެ ގޮޅިތައް ދޫކުރުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކަމަށެވެ.

ގޮޅިތައް ބޭނުންވާ މީހުން ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައި، ތައިސޭކޮށިން ފޯމު ފުރުމަށްފަހު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެއެވެ.

ސިޓީ ކައުންސިލުން ބުނީ ވެސްޓް ޕާކު ސަރަހައްދުގައި ގާއިމުކުރާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މި މާރުކޭޓުގައި ވިޔަފާރިކުރުމަށް ބޭނުންވާ މީހުންނަށް ޖާގަ ދޫކުރާނީ ހިލޭ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން މައުލޫމާތު ދޭގޮތުގައި މި މާރުކޭޓަކީ 50 ފޫޓު 100 ފޫޓުގެ މާރުކޭޓެކެވެ. މި މާރުކޭޓުން ވިއްކުމަށް ހަމަޖެހިފައިވަނީ ކުރުނބާ، ކާށި، ގަބުޅި އަދި ކަރާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މިތަނުން ގޮޅި ދޫކުރަން އިއުލާންކުރި ނަމަވެސް މިތަން ހުޅުވޭނެ ދުވަހެއް ސިޓީ ކައުންސިލުން އަދި ނުބުނެއެވެ.