ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރަންޖެހޭނަމަ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ހުއްދައެއް ނަގަަންޖެހޭ ގޮތަށް އެކުލަވާލި އުސޫލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަރުހަބާ ކިޔައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ "ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލު" ގެ ނަމުގައި އުސޫލެއް އެކުލަވާލައި އާދީއްތަ ދުވަހު އާންމުކޮށްފައެވެ.

އެމްއެމްއޭއިން ބުނީ ޕަބްލިކް ފައިނޭންސްގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ފާސްކޮށްފައިވާ މިންވަރަށްވުރެ ޚަރަދު އިތުރުނުކުރުމަށާއި، ވަކި ކަމަކަށް ޚަރަދެއް ކަނޑައަޅާފައިވާނަމަ، އެކަމަކަށް ޚަރަދު ކުރުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް ފިނޭންސް މިނިސްޓްރީން އާންމުކުރުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އެ އުސޫލަށް މަރުހަބާ ކިޔައި އެމްއެމްއޭއިން ބުނީ އަހަރުން އަހަރަށް ދައުލަތުގެ ރިކަރަންޓް ޚަރަދާއި އާމްދަނީ ލިބޭނެ މިންވަރު އެންމެ ރަގަޅަށް ލަފާނުކުރެވި، ރިކަރަންޓު ޚަރަދު ލަފާކުރާވަރަށްވުރެ މައްޗަށް ގޮސް އަދި އާމްދަނީ ލަފާކުރާވަރަށްވުރެ ދަށަށް ދިއުމުން އަހަރުން އަހަރަށް ދައުލަތުގެ ދަރަނި ބޮޑުވަމުންދާ ކަމަށެވެ.

އެެހެންކަމުން މިދިޔަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެ އޮތޯރިޓީން ފޮނުވާފައިވާ ލަފާގައި، ފިސްކަލް އެޕްރޮޕްރިއޭޝަނާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ބާރުއަޅާފައިވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ އެކު އަމަލުކުރަން ނިންމާފައިވާއިރު ސަރުކާރުގެ އޮފީސްތަކުން އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު މިއުސޫލަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އުސޫލުގައި ބާރުއަޅާފައި ވެއެވެ.

މިއުސޫލުގެ ބޭނުމަކީ ސަރުކާރުގެ މިނިސްޓްރީތަކާއި އެހެން އޮފީސްތަކުގެ ޚަރަދުތައް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ކަމަށްވެސް އުސޫލުގައި ވެއެވެ. އަދި ވަކި ޚާއްސަ ކަމަކަށް ބަޖެޓް ކުރާ ފައިސާ އެހެން ކަމަކަށް ބޭނުންނުކުރެވޭނެ ކަމަށްވެސް މިއުސޫލުގައި ބުނެފައި ވެއެވެ.

މި އުސޫލުގައި ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރަންޖެހިއްޖެ ނަމަ ބަޖެޓް ކޮށްފައިވާވަރަށްވުރެ ފަސް ޕަސެންޓް އިތުރުނުވާ ވަރަށް ޚަރަދުކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެއަށްވުރެ އިތުރަށް ޚަރަދުކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ހުއްދައެއް ނަގައިގެން ކަމަށްވެސް އުސޫލުގައި ވެއެވެ.

މީގެ އިތުރަށް ބަޖެޓުގައި ހިމެނޭ ޕްރޮޖެކްޓެއްގެ އަގަށް 30 ޕަސެންޓަށްވުރެ ބޮޑު ބަދަލެއް އަންނަނަމަ އެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމަކުން ހޯދަންޖެހޭނެ ކަަމަށްވެސް އުސޫލުގައި ވެއެވެ.

ސަރުކާރުގެ އޮފީސްތަކުން މިހާރު އަމަލުކުރާ ގޮތުންނަމަ ބަޖެޓުން އިތުރަށް ޚަރަދުކުރަން ޖެހިއްޖެނަމަ އެކަމަށް ރައީސްގެ ޚާއްސަ ހުއްދައެއް ހޯދާކަށް ނުޖެހެއެވެ. އެހެންކަމުން ބަޖެޓް ކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރުމުގެ ފުރުސަތު އޮފީސްތަކަށް މިހާރު ލިބިފައި ވެއެވެ.