ސުރީލަންކާގެ ގުރޫޕް ތަކަކުން ނިކުމެ އެގައުމުގެ ބައެއް މިސްކިތް ތަކަށާއި، މުސްލިމުންގެ ބައެއް ފިހާރަތަކުގެ އިތުރަށް ގެދޮރަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެކަކު މަރުވެއްޖެ އެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީސްޓަރސަންޑޭ އާއި ދިމާކޮށް ބަޔަކު ޖާނުގޮއްވާލައިގެން އެގައުމުގައި ދިން ހަމަލާތަކަށްފަހު އެގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިއްޔެ މުޅި ލަންކާގައި ކާފިއު އިއުލާންކުރި އެވެ. ނަމަވެސް ކޮލޮމްބޯގެ ކުރުނެގެލާގައި ގުރޫޕުތަތަކުން ނިކުމެ މިސްކިތް ތަކަށާއި މުދަލާއި މުސްލިމުންގެ ގެދޮރަށާއި ފިހާރަތަކަށް ދިން ހަމަލާތަކުގައި 45 އ. ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި އޭނާ މަރުވީ އޭނާގެ ވޯކްޝޮޕަށް ގުރޫޕަކުން ހަމަލާދީ އޭނާއަށްވެސް ހަމަލާ ދިނުމުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުގައި އިއްޔެ ގުރޫޕުތަކަކުން ނިކުމެ ވަނީ ބައެއް މިސްކިތް ތަކަށާއި، މުސްލިމުންގެ ބައެއް ފިހާރަތަކާއި ފެކްޓްރީތަކުގެ އިތުރަށް، މުސްލިމުން ދިރިއުޅޭ ގެތަކަށްވެސް ގެއްލުންދީފަ އެވެ. އަދި އެ ގުރޫޕުން ނިކުމެ ލަޓިބްރިއާ ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެންގޮސް ބައެއް މިސްކިތަކަށް ގެއްލުންދީފައި ވާއިރު، އެއް މިސްކިތް އެއްކޮށް ބިމާ ހަމަކޮށްލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރަށް މުސްލިމުންގެ ބައެއް ފެކްޓްރީތަކުގައި ހުޅުޖަހައި އަންދައި، މުސްލިމުންގެ ގޭގެއަށް ގެއްލުންދެމުންދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.