ޓޫރިޒަމްގެ ވިޔަފާރިއަށް ރަށްތައް ދޫކުރުން މެދުކަނޑާލާފައި ބޭއްވުމަށް ފަހު އަންނަ ޖުލައި މަހުން ފެށިގެން ޓޫރިޒަމްގެ ވިޔަފާރިކުރަން ރިސޯޓްތައް ހަދަން ބިޑަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތައް ދޫކުރުން މެދުކަނޑާލީ ރާއްޖޭގެ ޓޫރިޒަމަށް ދޫކުރި ރަށްތަކާ ގުޅޭ ގޮތުން ދިރާސާ ކުރުމަށްޓަކައި ކަމަށާއި އެދިރާސާ މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން ޖުލައި މަހުގެ ކުރިން އޯޕަން ބިޑިންނަށް ހުޅުވާލެވޭނެ ކަމަށްވެސެް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުން ކަން ފާހަގަކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ވެސް ފަތުރުވެރިކަމަށް ދޫކުރާނެ އިތުރު ތަނެއް ނެތް ކަމަށެވެ. ރަށްތައް ދޫކުރުމުގައި މިކަމަށް އިސްކަން ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ފަހަރު ރަށްތައް ދޫކުރުމުގައި އެންެމެ ބޮޑަށް އިސްކަން ދޭން ނިންމާފައި ވަނީ ވެސް މިހާރު ޓޫރިޒަމްގެ ވިޔަފާރި ފުޅާވެފައި ނުވާ އަތޮޅުތަކަށް ކަމަށެވެ. މިކަން ކުރުމުގައި އެ އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. މިގޮތުން ތިލަދުންމައްޗާއި، އައްޑޫ ސިޓީއާއި ހުވަދު އަތޮޅު މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ޓޫރިޒަމްގެ ރާހަތް ނުލިބޭ ބައެއް ރައްޔިތުން އެބަތިބި. އަބަދު އެ ބޭފުޅުންނަކީ އުއްމީދެއްގަ ތިބޭ ބަޔަކަށް ވާން ޖެހޭ ޖެހުން ރައީސުލްޖުމްހޫރިއްޔާ ބޭނުންވޭ އެބަ ނިމުމަކަށް ގެންނަން. އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ޒޯނަށާއި ބޮޑުތިލަދުންމައްޗަށާއި ހުވަދު އަތޮޅާއި ލ. އަތޮޅާއި ތ. އަތޮޅުގެ ޒޯނަށް އަޅުގަނޑުމެން އިސްކަން ދޭނަން." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ރިސޯޓް ތަރައްގީ ކުރުމަށް މިހާރުވެސް ގިނަ އަދަދެއްގެ ރަށްތަކެއް ދޫކޮށްފައިވާއިރު، އެރަށްތަކުގެ މަސައްކަތްތަށް ހަލުވިކޮށް، އަވަހަށް ހުޅުވުމަށް ރިސޯޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. މިގޮތުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށާއި އެ ވަރުންވެސް ކުރިއަށް ނުދާނަމަ އަޅަން ޖެހޭ ފިޔަޅުތައް އަޅާނެ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިހާރު 140 ރިސޯޓު ދަނީ ހިންގަމުންނެވެ. އަދި 130 އަށް ވުރެ ގިނަ ރަށް ދަނީ ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންނެވެ. މީގެ ތެރޭގައި ގިނަ އަދަދެއްެގެ ރަށްތައް ތަރައްގީކުރުން އެކި ސަބަބުތަކާ ގުޅިގެން ހުއްޓިފައިވާ ކަން ވެސް ފާހަގަކުރެވެ އެވެ.