ފާއިތުވެގެންދިޔަ ދެތިން ދުވަހެއްގެ ތެރޭގައި އާންމުގެ ތެރޭގައި އާއި މީޑިއާތަކުގައި އިސްލާމިކް މިނިސްޓްރީއާއި ގުޅޭގޮތުން ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީ އާއި މެދު ތުހުމަތު ކުރެވޭ ހުރިހާ ކަމެއް ކޮށްފައިވާ ގޮތުގެ ތަފްސީލުތައް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ހައްޖަށް މީހުން ފޮނުވުމުގެ ކަންކަން މިނިސްޓްރީން ކޮށްފައިވާނީ ވަރަށް ދެފުށްފެންނަ ގޮތަކަށް ކަމަށެވެ. އަދި ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ޕޮއިންޓް ދޭނެ އުސޫލުތައް ކުރިން ވެސް އިއުލާން ކޮށްފައިވާނެ ކަމަށާއި އެކަމުގައި އަމަލުކުރީ އެ އުސޫލުން ކަމަށް ވިދާޅުވި އެވެ. އަދި ހައްޖަށް މީހުން ފޮނުވުމުގެ ހުއްދަ 6 ކުންފުންޏަކަށް ދީފައިވާއިރު އެ ކުންފުނިތަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ ހައްޖުގެ މާތް އަދި މަތިވެރި އަޅުމަކަށް މީހުން ފޮނުވުމުގެ އިންތިޒާމުތައް މިހިސާބަށް ދިޔައިރު އަދި މިހާތަނަށް އެ އިންތިޒާމުތަކާއި ގުޅިގެން މިނިސްޓްރިއާއި ހަމައަށް އެއްވެސް ޝަކުވާއެއް އައިސްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިނިސްޓްރީން ކަންކަން ކޮށްފައިވާ ގޮތް އޮޅުން ނުފިލުވާ އެފަދަ ފިޔަވަޅެއް އަޅާތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްްރެޓަރީ މުސްއަބު އަބްދުﷲ ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ ފޯރަމްތަކާއި ގުޅިގެންވެސް ގިނަ ވާހަކަތަކެއް ފެތުރެމުންދާ ކަމަށެވެ. އެގޮތުން ޖަލްސާތަކުގެ ސައިގެ ކަންކަން ހަމަޖެއްސި ގޮތާއި މެދު ސުވާލުތައް އުފައްދަމުންދާ ކަމަށް ވިދާޅުވި އެވެ. މުސްއަބު ވިދާޅުވީ އެކަންވެސް ކޮށްފައިވާނީ ބިޑަށް ހުޅުވާލައި ޕޮއިންޓު އުސޫލުން ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ދަށް އަގު ހުށަހެޅި ފަރާތަށް ފުރުސަތު ނުލިބުމުން ކަންބޮޑުވުން ފާޅުކުރި ކަމުގައި ވިޔަސް އެކަން އެހެން ދިމާވީ ތަޖުރިބާގެ ބައިން އެ ކުންފުންޏަށް ޕޮއިންޓު ނުލިބުމުން ކަމަށް ވިދާޅުވި އެވެ.

މުސްއަބު އިތުރަށް ވިދާޅުވީ މިނިސްޓްރީގެ މިފަދަ ކަންކަމާއި މެދު އެއްވެސް ޝަކެއް އުފެދޭ ނަމަ މިނިސްޓްރީއަށް ވަޑައިގެން މިކަންކަން ސާފު ކުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި ސާފު ކުރަން އެދޭ ކޮންމެ ފަރާތަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.