މުޅި ސްރީލަންކާގައި މިރޭވެސް ކާފިއު ނުވަތަ ބޭރަށް ނުކުމެ އުޅުން މަނާކަން އިޢްލާން ކޮށްފިއެވެ.

ރެއެކޭ އެއްގޮތަށް މިރޭވެސް މުޅި ސްރީލަންކާގައި ކާފިއު އިޢްލާން ކުރިއިރު، ސްރީލަންކާގެ ބައެއް ހިސާބުތަކުގައި ވަކި މުއްދަތެއް ނެތްގޮތަށްވެސް ވަނީ ކާފިއު އިޢްލާން ކޮށްފައެވެ.

އެގޮތުން، ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު އިޢްލާން ކުރީ ނޯތު ވެސްޓަން ޕްރޮވިންސްގައެވެ. އެއީ، މުސްލިމުންނާ ދެކޮޅަށް ބަޔަކު ވަރުގަދަ ހަމަނުޖެހުންތައް ހިންގައި މުސްލިމަކު މަރާލި ޕްރޮވިންސެވެ.

އުމުރުން 45 އަހަރުގެ މުސްލިމް ފިރިހެންމީހާ މަރުވެފައިވަނީ، ނޯތު ވެސްޓަން ޕްރޮވިންސްގެ ޕުއްޓަލަމް ޑިސްޓްރިކްޓްގައި ހުރި އޭނާގެ ކާޕެންޓްރީގައި ހުއްޓައި ބަޔަކުގޮސް ކާޕެންޓްރީއަށާއި އަދި އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ.

މިހާދިސާއާ ގުޅިގެން ފުލުހުންގެ ވެރިޔާ ޗަންދަނާ ވިކްރަމަރަންތުނަ ވަނީ، ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނޭ ކަމަށް ވިދާޅުވެ އިންޒާރު ކުރައްވާފައެވެ. އެގޮތުން، ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް އެންމެމަތީ މިންވަރަށް ބާރުގެ ބޭނުންކުރުމަށް ފުލުހުންނަށް މިހާރު އަންގާފައިވާ ކަމަށްވެސް ޗަންދަނާ ވިދާޅުވިއެވެ.

ނޯތު ވެސްޓަން ޕްރޮވިންސްގައި ރަށުތެރެއަށް ނުކުމެ އުޅުނު ގްރޫޕަކުން އިއްޔެއިން ފެށިގެން ދަނީ، މުސްލިމުންގެ ފިހާރަތައް ހަލާކުކޮށް، ގެތަކާއި މިސްކިތްތަކަށްވެސް ގެއްލުންދީ އަދި ހުޅުވެސް ޖަހަމުންނެވެ.

"އިތުރު އެންގުމެއް އަންގަންދެން ނޯތު ވެސްޓަން ޕްރޮވިންސްގައި ކާފިއު ދެމިއޮންނާނެ" ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ބައެއް ހިސާބުތަކުގައި ކްރިސްޓިއަނުންނާއި، ބުދިސްޓުން ނުކުމެ މިސްކިތްތަކާއި، މުސްލިމުންގެ ގެދޮރާއި ފިހާރަތަކުގައި ހުޅުޖަހައި އަންދައި ގެއްލުން ދެމުންގެންދާއިރު، ސިފައިންނާއި ފުލުހުންވެސް ތިބެނީ އެކަންކަން ހުއްޓުވަން ނުކުޅެދިފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައި ވާއިރު، ނޯތު ވެސްޓަން ޕްރޮވިންސްގެ އިތުރުން، މުޅި ސްރީލަންކާގައި މިރޭވެސް ކާފިއު އިޢްލާން ކޮށްފައިވަނީ ސްރީލަންކާ ގަޑިން މިރޭ 9:00 އިން ފަތިހު 4:00 އަށެވެ.

ކުރިން ކާފިއު ހިންގާފައި އޮތީ ހަމަނުޖެހުންތައް އެންމެބޮޑަށް ހިނގި ކޮޅުނބުގެ ސަރަހައްދުތައް ކަމަށްވާ ޕުއްޓަލަމް، ކުރުނެގަލަ އަދި ގަމްފަލާގައެވެ.

މުޅި ސްރީލަންގާއި މިރޭ ކާފިއު ހިންގަން ނިންމިއިރު، ބައެއް ސަރަހައްދުތަކުން ސޯޝަލް މީޑިއާ ވިއުގަތައްވެސް ވަނީ ކަނޑާލާފައެވެ. އެގޮތުން، ފޭސްބުކާއި، ވަޓްސްއެޕް އަދި މެސެޖްކުރާ އެޕްލިކޭޝަންތައްވެސް ވަނީ ބްލޮކް ކޮށްފައެވެ. އެއީ، ސޯޝަލް މީޑިއާ މެދުވެރިކޮށް މުސްލިމުންނާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކުގެ ސަބަބުން މުސްލިމުންނަށާއި، މުސްލިމުންގެ ތަންތަނަށް ހަމަލާދިނުން އިތުރުވަމުންދާތީއެވެ.