ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހުޅުވާލައިގެން މޯލްޑިވްސް ސޮކާ މޭޓްސްއިން އިންތިޒާމުކުރާ "ރަމަޒާން ވެޓެރަންސް ކަޕް 2019" ގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބު އީގަލްސް އަތުން ފަސޭހަކަމާއެކު ދިވެހި ސިފައިންގެ ކްލަބު މޮޅުވެއްޖެ އެވެ.

އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ސިފައިން މޮޅުވީ 7-1 އިން ނެވެ.

މި މެޗުގައި ސިފައިންގެ ޓީމުގެ އިސްމާޢީލް އަނިލް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ މުހައްމަދު ރަމީޒް އާއި އަހުމަދު ފަޒާލް އާއި އަސްއަދު އަބްދުލް ޣަނީގެ އިތުރުން އަބްދުﷲ ނަސީރެވެ. މެޗުގައި އީގަލްސްއިން ޖެހި ހަމައެކަނި ގޯލް ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު މަމްދޫހެވެ.

މި މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ސިފައިން ޓީމުގެ އިސްމާޢީލް އަނިލްއެވެ.

މިއަދުގެ މެޗުން ސިފައިން މޮޅުވިއިރު، އެޓީމުން ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން 1-0 އިން ބަލިވެފައެވެ.

މިއަހަރުގެ މުބާރާތުގައި 7 ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި ލީގު ބުރު ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ލިބޭ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗަށްފަހު އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.