ހަނދު ކުޑަވަމުންދާކަމަށް އެމެރިކާގެ ޖައްވާބެހޭ އިދާރާގެ ތަޖުރިބާކާރުން ބުނެފިއެވެ.

ތަހުލީލުތަކާއި ދިރާސާތަކަށްފަހު ތަޖުރިބާކާރުން ޝާއިއުކުރި ރިޕޯޓެއްގައި ލިޔެފައިވަނީ ހަނދު ކުޑަވަމުންދިއުމުގެ ސިއްރަކީ ހަނދުގެ އަޑި ފިނިވަމުން ދިއުންކަމަށެވެ. މިކަން މިމަގުން ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވިތަނުގައި ހަނދުގެ އަސްލު ސައިޒުން ގާތްގަޑަކަށް ސަތޭކަފަންސާސް ފޫޓު ގެއްލިފައިވާކަމަށާއި މިއީ މިހާރުވެސް ހިނގަމުންދާ ކަމެއްކަމަށް ބުނެފައިވެއެވެ.

ހަނދަކީ މީގެ ހަތަރު ބިލިޔަން އަހަރު ކުރިން ސޯލަރ ސިސްޓަމުގެ އެހެން ޕްލެނެޓަކާއި ދުނިޔެ މުޑިއަރައި ގޮވައިގެންދިޔައިރު ދުނިޔެއިން ނެއްޓިގެންދިޔަ ބައިތަކުން އުފެދުނު އެއްޗެއްކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ. ދުނިޔެއާ މުޑިއަރާފައިވަނީ ސައިޒުގެ ގޮތުން މާސްއާ ދާދި އެއްވަރުގެ ޕްލެނެޓެއްކަމަށްވެސް ގަބޫލުކުރެއެވެ.

ހަނދުގެ އަޑި ފިނިވެ އޭގެ ސައިޒު މަޑުމަޑުން ކުޑަވަމުންދާކަމުގެ ހެއްކަކީ ހަނދުގެ ބިންގަޑުގެ ސިފަޔާއި އެސިފަޔަށް އަންނަމުންދާ ބަދަލުތަކެވެ. މިކަން ހިނގަމުންދާއިރު ދޭތެރެ އަވަސްކޮށް ބިންގަޑު ގުޑައި ބޮޑެތި ހެލުންތައް އަންނަކަމަށާއި ފަރުބަދަހެން އެތައް ކިލޯމީޓަރަކަށް ދެމިގެންދާ އުސްގަނޑުތަކަކީ ބިންގަޑު ފަޅައިގެންގޮސް އެއްބައި އަނެއްބައިގެ މައްޗަށް އެރުމުގެ ނަތީޖާ ކަމަށްވެސް ސައެންސްވެރިން ބުނެއެވެ.

ހަނދަށް އަންނަމުންދާ ބަދަލުތައް ސައެންސްވެރިން ސިފަކުރަނީ ހިކެމުންދާ މޭބިސްކަދުރުއޮށަކާއެވެ. ތާޒާކަން ގެއްލެމުންދާވަރަކަށް މޭބިސްކަދުރުއޮށް ކުޑަވަމުންދާ ބީދައިން ހަނދުގެ އަޑީގެ ގަދަފަދަ ހޫނުކަން ގެއްލެމުންދާވަރަކަށް ހަނދުގެ ތާޒާކަމާއި ސިފަވެސް ގެއްލެމުންދާކަމަށް ސައެންސްވެރިން ބުނެއެވެ.

ދުނިޔެއާއި ހަނދުގެ ދުރުމިނަކީ އެވަރެޖްގޮތެއްގައި ތިންލައްކަ އަށްޑިހަ ހަތަރުހާސް ކިލޯމީޓަރެވެ. ދުނިޔޭގައި އިންސާނުންނަށް ދިރިއުޅެވޭނެ ވެށްޓެއް ގާއިމުވެފައި އޮތުމުގެ ސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ ހަނދެވެ. ކަނޑުތަކުގެ ދިޔަވަރާއި އޮއިވަރަށް އަންނަ ބަދަލުތަކުގެ ސިއްރަކީވެސް ހަނދެވެ. ދުނިޔޭގެ ތޮބީއަތާއި ހަނދު ގުޅިފައިވާ ބީދައިން ދުނިޔޭގައިވާ އެންމެހައި ދިރުންތަކުގެ ތޮބީއަތާވެސް ހަނދު ވަނީ ގުޅިފައެވެ. އެހެންކަމުން ހަނދަށް އަންނަ ބޮޑު ކޮންމެ ބަދަލެއްގެ އަސަރު ދުނިޔެއާއި ދުނިޔޭގައިވާ އެންމެހައި ދިރުންތަކަށްވެސް ފޯރާނެއެވެ.

ސޯލަރ ސިސްޓަމުގައިވާ ޕްލެނެޓްތަކުގެ ތެރެއިން ބައެއް ޕްލެނެޓްތަކަށް އެއް ހަނދަށްވުރެ ގިނަ ހަނދު ލިބިފައިވެއެވެ. މީގެ މިސާލަކީ ޖުޕިޓަރާއި ސެޓަރންއެވެ. އެއްވެސް ހަނދެއް ލިބިފައިނުވާ ޕްލެނެޓްތަކެއްވެސްވެއެވެ. އެއީ އިރާއި އެންމެ ގާތުގައިވާ މާރކިއުރީއާއި ވީނަސްއެވެ. އިރާއި ތިންވަނަޔަށް އެންމެ ގާތުގައިވާ ދުނިޔެއަށް އެއް ހަނދު ލިބިފައިވާއިރު ހަތަރުވަނަޔަށް އިރާއި އެންމެ ގާތުގައިވާ މާރސްއަށް ދެ ހަނދު ލިބިގެންވެއެވެ.