ވެނެޒުއެލާގެ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ޕާލަމެންޓް ޖަލްސާއަށް ވެދެވަޑައިގަތުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހުރަސްއަޅައިފިއެވެ.

ސަލާމަތީ ބާރުތަކުން އިދިކޮޅު މެމްބަރުން ޕާލަމެންޓް އިމާރާތަށް ވެދެވަޑައިގަތުމަށް ހުރަސްއަޅާފައިވަނީ މިއަދު ބާއްވަން ތާވަލްކޮށްފައި އޮތް ޖަލްސާއަށެވެ.

އިދިކޮޅު މެމްބަރުން ޖަލްސާއަށް ވަޑައިގެންނެވިއިރު، ވެނެޒުއެލާގެ އިންޓެލިޖެންސް ސަރވިސްގެ މެމްބަރުންނާއި، ފުލުހުންނާއި ސިފައިން ތިބީ މޫނު ނިވާކޮށްގެން، ޕާލަމެންޓް އިމާރާތަށް ވަންނަ ދޮރު ބަންދުކޮށްގެންނެވެ.

ޕާލަމެންޓް އިމާރާތުގެ ތެރޭގައި ގޮވާއެއްޗެއް އޮތްކަމަށް ބެލެވިގެން، ސަލާމަތީ ބާރުތަކުން އެވަގުތު ދިޔައީ އެކަން ތަހްގީގު ކުރަމުން ކަމަށް ޕާލަމެންޓް މެމްބަރަކު ވިދާޅުވެފައި ވެއެވެ.

ވެނެޒުއެލާގެ ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮންނަނީ އިދިކޮޅު ޕާޓީތަކަށް ނަމަވެސް، ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރުންވަނީ ޕާލަމެންޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔަނުދީ ހުރަސްއަޅާފައެވެ.

އަދި އިދިކޮޅު ފަރާތްތަކަށް އަޣުލަބިއްޔަތު ލިބުމުން ޕާލަމެންޓްގެ ގިނަ ހައްގުތައްވެސް ސަރުކާރުން ނިގުޅައިގެންފައި ވެއެވެ.

2018 ވަނަ އަހަރު ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބު ބަލައިނުގަނެ އަދި މަދޫރޯއަކީ ގާނޫނީ ރައީސް ނޫންކަމަށް ޕާލަމެންޓުން ކަނޑައަޅާފައި ވެއެވެ. އަދި ވެނެޒުއެލާގެ ވަގުތީ ވެރިޔަކީ އިދިކޮޅު ލީޑަރު ޖުއާން ގައިޑޯ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

ޕާލަމެންޓްގެ މިނިންމުން ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުން ގަބޫލުކޮށް ވެނެޒުއެލާގެ ގާނޫނީ ވެރިޔަކީ އިދިކޮޅު ލީޑަރު ޖުއާން ކަމަށް ބަލައިގެންފައި ވެއެވެ.

އިދިކޮޅު ލީޑަރު އިސްވެ ހުންނަވައި އަސްކަރީން ލައްވައި މިދިޔަ ހަފްތާގައި ވެނެޒުއެލާއަށް ބަޣާވާތެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ރައީސް މަދޫރޯ ގެންދަވަނީ އިދިކޮޅު ފަރާތްތައް ފަހާ ދުވަމުންނެވެ.

ޕާލަމެންޓް މެމްބަރަކު މިދިޔަ ހަފްތާގައި ހައްޔަރު ކޮށްފައިވާއިރު، ޕާލަމެންޓްގެ އިދިކޮޅު ގިނަ މެމްބަރުންވަނީ ވެރިރަށް ކަރާކަސްގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކުން ހިމާޔަތް ހޯއްދަވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ ގައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންފައެވެ.

ޕާލަމެންޓްގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިއޮތީ، ޕާލަމެންޓްގެ އިދިކޮޅު އެތައް މެމްބަރުންގެ ހިމާޔަތް ސުޕްރީމް ކޯޓުން ނިގުޅައިގަތް މައްސަލައާއި، ޕާލަމެންޓްގެ ނާއިބް ރައީސް އީގަރ ޒަމްބްރާނޯ ހައްޔަރުކުރި މައްސަލައެވެ.

އެހެންނަމަވެސް، ޕާލަމެންޓް އިމާރާތުގައި "ބޮމެއް" އޮތްކަމަށް ބުނެ ސަލާމަތީ ބާރުތަކުންވަނީ ޖަލްސާ އޮންނަ ގަޑިއާ ދިމާކޮށް އިމާރާތް ބަންދުކޮށްފައެވެ.

އިދިކޮޅު މެމްބަރުންވަނީ، ބޮމެއް އޮތްކަމަށް ބުނެ ދޮގުހެދީ ކަމަށާއި، މިއީ ޖަލްސާ ބޭއްވިޔަނުދޭން ސަރުކާރުން ޖެއްސި ގޭމެއް ކަމަށް ބުނެފައެވެ.

ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރެއް ކަމަށްވާ ޖުއާން ޕަބްލޯ ވިދާޅުވީ، މިހާރު މިއޮތީ ފައްކާ ޑިކްޓޭޓަރޝިޕެއް ކަމަށާއި، ސަރުކާރާ އިދިކޮޅު އެންމެން ފަހާދުވަމުންގެންދާ ކަމަށެވެ. އެބޭފުޅުން މަސައްކަތް ކުރައްވަނީ ގައުމަށް ސިޔާސީ ބަދަލުތައް ގެނައުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ޖަލްސާ ނުބޭއްވިއްޖެނަމަ މާދަމާ ޖަލްސާ ބާއްވާނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދެއެވެ.

ވެނެޒުއެލާގެ ޕާލަމެންޓްގެ ޖަލްސާތަކަށް ވެރިކަންކުރާ ރައީސް މަދޫރޯގެ ސޯޝަލިސްޓް ޕާޓީގެ މެމްބަރުން އާންމުގޮތެއްގައި ވަޑައެއް ނުގަންނަވައެވެ. ޕާލަމެންޓް ޖަލްސާތަކަށް ވަޑައނުގެން އެ މެމްބަރުން ވަޑައިގަންނަވަނީ ވެރިކަންކުރާ ޕާޓީއަށް އަޣުލަބިއްޔަތު އޮންނަ، ގާނޫނުއަސާސީ އިސްލާހްކުރާ ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށެވެ.

ޚާއްސަ މަޖިލީހުގެ ޖަލްސާއަށް ބާއްވަނީ ކޮންމެ ބުދަދުވަހެއްގައި ހަމަ ޕާލަމެންޓް އިމާރާތުގައެވެ.