"ހެޔޮކަމާއި ތަޤުވާގެ މައްސަރު" މިނަމުގައި ރައީސް މައުމޫނު ލިޔުއްވާފައިވާ ފޮތް މިރޭ ނެރެފިއެވެ.

މިފޮތް ނެރެފައި ވަނީ މައުމޫނު ފައުންޑޭޝަނުން ކުރިޔަށްގެންދާ ރަަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.

ފޮތް ނެރެދެއްވުމަށް ފަހު ރައީސް މައުމޫނު ވަނީ އެފޮތުގެ ކޮޕީއެއް ކުރީގެ ވަޒީރު އަދި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަށް ހަދިޔާކުރައްވާފައެވެ.

އަދި އެފޮތަކީ މައުމޫން ފައުންޑޭޝަންގެ ފަރާާތުން ނެރުނު ފޮތެއްކަން ފާހަގަ ކުރައްވައި އެކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން އެފޮތުގެ މަސައްކަތުގައި އުމަރު ޒާހިރު ވެދެއްވި އެހީތެރިކަން ޚާއްސަގޮތެއްގައި ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މައުމޫނު ވަނީ މީގެކުރިންވެސް ދީނީ ރޮނގުން ވަރަށް ގިނަ ފޮތްތަކާއި މަޟުމޫނުތައް ލިޔުއްވާފައެވެ.

ފޮތް ނެރެދެއްވުމަށްފަހު ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅުފައި އެމަނިކުފާނު ފެއްޓެވި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިހްޔާކުރުމުގެ ޖަލްސާތައް ފެށިގެން އައިގޮތް ވިދާޅުވެ ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެޕްރޮގްރާމް ފުރަތަމަ ފެއްޓެވީ 1980 ވަނަ އަހަރުގައި ކަމަށާއި އަދި 1984 ވަނަ އަހަރާއި ހަމައަށް ކޮންމެ ރެއަކު މުލިއާގޭގައި އިހުޔާ ޖަލްސާތައް ބޭއްވެވިއިރު ހުރިހާ ރެއެއްގައިވެސް ވާހަކަފުޅު ދެއްކެވީ އެމަނިކުފާނުގައި ކަމުގައެވެ.

އަދި 1984 ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމަށްފަހު އިސްލާމީ މަރުކަޒުގެ ހޯލުގައި އިހްޔާގެ ޖަލްސާތައް ހަފްތާއަކު ދެރޭ ބާއްވަމުން ގެންދެވިއިރު އެއްގޮތަކަށްވެސް އިހްޔާގެ ޖަލްސާއެއް ބޭއްވެވިފައި ނުވަނީ 2018 ވަނަ އަހަރުގައި ކަން ފާހަގަކުރެއްވިއެވެ.

1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތައް ރައީސް މައުމޫނު ހޭދަކުރައްވަންޖެހިވަޑައިގެންނެވީ ބަންދުގައެވެ.