ކޮންމެ ބަޔަކަށްވެސް ޖިހާދު ކުރެވޭނީ އެބައެއްގެ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާއި، ބޭރުގެ އެހެން ގައުމުތަކަށް ގޮސް ދިވެހިން ބައިވެރިވެ ހަނގުރާމަ ކުރުމަކީ ޖިހާދުކުރުމެއް ނޫންކަމުގައި ރައީސް މައުމޫނު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މައުމޫނު ފައުންޑޭޝަންގެ ފަރާތުން މިރަމަޟާން މަހު ކުރިޔަށް ގެންދާ ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިރޭގެ ޖަލްސާގައި ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވީ އިސްލާމްދީނާއި ޖިހާދު މިމައުޟޫއަށެވެ.

ރައީސް މައުމޫނު ވިދާޅުވީ، ކޮންމެ ބަޔަކަށްވެސް ޖިހާދު ކުރެވޭނީ އެބައެއްގެ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާއި، ބޭރުގެ އެހެން ގައުމުތަކަށް ގޮސް ދިވެހިން ބައިވެރިވެ ހަނގުރާމަ ކުރުމަކީ ޖިހާދުކުރުމެއް ނޫންކަމުގައެވެ.

އަދި ޖިހާދު ކުރުމުގެ ނަމުގައި ދިވެހި ޒުވާނުންނަށް ބައެއް ފަރާާތްތަކުން އޮޅުވާލަމުން ގެންދާ ކަމަށާއި މައިން ބަފައިންނާއި ބެލެނިވެރިން އެކަން ދަންނަން ޖެހޭނެ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

"ޖިހާދު ކުރަން ތަންތަނަށް ގޮސް، ދިވެހިންވެސް ގޮސް މަރުވަނީ، އެއީކީ ދީނުގައި އޮތް ގޮތެއް ނޫން. އަޅުގަނޑުމެން ޖިހާދުކުރާނީ އަޅުގަނޑުމެންގެ ގައުމުގައި ތިބެގެން. އެހެންތާކަށް ދާކަށް ނުޖެހޭނެ." ރައީސް މައުމޫން ވިދާޅުވިއެވެ.

ކުރީގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް ވިދާޅުވީ އިސްވެ އެއްވެސް ބަޔަކާއި ހަނގުރާމަކުރުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫންކަމަށެވެ.

ޤުރުއާނާއި ސުންނަތުގެ ދަލީލުތައް ދައްކަވައި ރައީސް މައުމޫނުގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން ވިދާޅުވީ، އަރަބިބަހުގައި ޖިހާދު ކުރުމަކީ ގަދައަޅައި މަސައްކަތް ކުރުން ކަމަށެވެ. އަދި މުސްލިމުންނަށް ހަނގުރާމަ ކުރުން ހުއްދަވެގެން ވަނީ އަމިއްލަ ނަފުސާއި ދީނާއި ގައުމުގެ ދިފާއުގައި ކަމުގައިވެސް ވިދާޅުވިއެވެ.

"ހަނގުރާމަ ކުރުމަކީ މަނާވެފައި އޮތް ކަމެއް. އެކަމުގެ ހުއްދަ ދެއްވީ އަމިއްލަ ނަފުސުގެ ދިފާޢުގައި. އަމިއްލަ ވަޒަނުގެ ދިފާއުގައި، އަމިއްލަ ދީނުގެ ދިފާއުގައި. ބަޔަކު މީހުން ހަމަލާ ދިނީމަ، އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި." ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ، ހަނގުރާމަކުރާއި އިރުވެސް ހަނގުރާމައިގައި ބައިވެރި ނުވާބަޔަކު މެރުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫންކަމަށެވެ.

އަދި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނަށް ގެއްލުން ނުދިނުމަށް އިސްލާމީ އުއްމަތުގެ ޤާއިދުންނަށް އިސްލާމީ ވެރިން އަމުރުކުރައްވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

އިސްލާމް ދީނުގައި ޖިހާދު މިމައުލޫއަށް ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅުގައި ވަނީ އަމިއްލައަށް ޖާނުގޮއްވާލައިގެންދޭ ހަމަލާތަކަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫންކަމުގައިވެސް ވިދާޅުވެފެވެ.

އަދި ހައްދު ފަހަނައެޅި ޓެރަރިސްޓް އަމަލުތައް ފެށިގެން އައީ 1930 ވަނަ އަހަރު ޔަހޫދީން ފަލަސްތީނަށް ވެރިވުމަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި ކަމަށާއި މުސްލިމް ޖަމާއަތްތަކަށް ނިސްބަތްވާ ޓެރަރިސްޓް ހަމަލާތައް ފެށިފައިވަނީ 1973 ން ފެށިގެން ކަމުގައި ވިދާޅުވިއެވެ.