މިސްކިތްތަކަށާއި، މުސްލިމުންގެ ގެދޮރާއި ފިހާރަތަކަށް ހަމަލާދީ ގެއްލުންދިނުމާއި ތަންތަނުގައި ހުޅުޖަހަމުންދާ މައްސަލާގައި ސްރީލަންކާ ފުލުހުން 23 މީހަކު ހައްޔަރު ކޮށްފިއެވެ.

ކްރިސްޓިއަނުންނާއި ބުދިސްޓް ގްރޫޕްތައް ދަގަނޑުބުރިއާއި، ކަނޑިފަދަތަކެތި ހިފައިގެން މުސްލިމުންނާ ދެކޮޅަށް އެންމެބޮޑަށް ދެކޮޅުވެރި އަމަލުތައް ހިންގި ސަރަހައްދުތަކުގައި ސިފައިން ފުރިހަމަ ހަތިޔާރުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ސްރީލަންކާގެ އުތުރުހުޅަނގު ސަރަހައްދުތަކުގައި ގްރޫޕްތައް ގެންދިޔައީ ސައިކަލުތަކުގައާއި، ބަހުގައި ދަތުރުކޮށް މުސްލިމުންގެ ފިހާރަތައް ލޫޓުވައި، ފިހާރަތަކާއި މިސްކިތްތަކަށް ބޮޑެތި ގެއްލުންދީ، ބައެއް ތަންތަނުގައި ހުޅުޖަހައި އަދިކީރިތި ގުރުއާނުގެ ކޮޕީތަކުގައި ހުޅުޖަހައި އަންދަމުންނެވެ. އަދި މުސްލިމުން ހިންގާ ފިހާރަތަކަށް ޕެޓްރޯލް ބޮން އުކައި އަގުނުކުރެވޭ ބޮޑެތި އެތައް ގެއްލުންތައް ދީފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ، ހައްޔަރު ކޮށްފައިވާ 23 މީހުންނަކީ މުސްލިމުންނަށް ހަމަލާ ދީގެން ސްރީލަންކާގެ އެކި ކަންކޮޅުތަކުން މިއަދު ހައްޔަރުކުރި މީހުން ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރާ ވިދާޅުވީ، މަސްރަހް މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މުޅި ސްރީލަންކާގައި މިރޭވެސް ރޭގަނޑު 9:00 އިން ފަތިހު 4:00 އާ ހަމައަށް އޮތީ ކާފިއު އިޢްލާން ކޮށްފައެވެ.

އެކަމަކު، ސްރީލަންކާގެ ނޯތު ވެސްޓަން ޕްރޮވިންސްގެ އަވަށެއްގައި މިސްކިތްތަކަށާއި، މުސްލިމުންގެ ގެދޮރަށް ގެއްލުން ދިނުމުގެ ހަމަލާތައް ދީފައިވަނީ ކާފިއު އިޢްލާން ކޮށްފައި ވަނިކޮށެވެ.

ނޯތު ވެސްޓަން ޕްރޮވިންސްގެ ކޮއްޓްރަމުއްލާ ސަރަހައްދުގެ އުމުރުން 49 އަހަރުގެ މުހަންމަދު ސާލިމް ފައުޒުލް އަމީރު މަރުވީ، ގްރޫޕަކުން އޭނާގެ ގެއަށް ހަމަލާދޭން ފެށުމުން އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައެވެ.

ގްރޫޕެއްގެ ބަޔަކު މުހަންމަދު ސާލިމްގެ ގެއަށް ހަމަލާދޭން ފެށުމުން އޭނާ ގެއިން ނުކުތީ އެކަން ހުއްޓުވުމަށެވެ. އޭރު ގޭތެރޭގައި ސާލިމްގެ އަނބިމީހާ ފާތިމާ ޖިފްރިޔާއާއި އެ ދެމަފިރިންގެ ހަތަރުކުދިން ތިއްބެވެ.

"އަހަރެން ގޭގެ ދޮރު ހުޅުވިއިރު ފިރިމީހާ އޮތީ ބިންމަތީގައި ލޭގެ ކޯރެއްގައި. ފުލުހުންވެސް ތިބި ކުރިމަތީގައި. ހަމަލާދިން މީހުން ދުވާތަންފެނޭ. އަހަރެން ދުވެފައި ފިރިމީހާގެ ގާތަށް ދިޔައިރު ވިންދުވެސް ޖަހާ. އަހަރެންގެ އުނގުމަތީގައި ފިރިމީހާ ބޭއްވުމަށްފަހު އެހީއަށް އެދި އަހަރެން ހަޅޭވެސް ލެވިން" ފާތިމާ ބުންޏެވެ.