ޒަކާތުގެ ގޮތުގައި ފަސްލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންގާރަ ދުވަހާ ހަމައަށް ޒަކާތުގެ ގޮތުގައި ފަސްލައްކަ ފަންސާސް ހަތްހާސް ތިންސަތޭކަ ސާޅީސް ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީ މެދުވެރިކޮށް ޒަކާތުގެ ގޮތުގައި ދެލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ސާޅީސް ފަސް ރުފިޔާ ދައްކާފައިވާ އިރު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެއްލައްކަ ފަންސާސްތިންހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ އަންގާރަ ދުވަހާ ހަމައަށް ވަނީ ދައްކާފައެވެ.

މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ޒާކާތްދެއްކި ފަރާތްތަކުން މިހާތަނަށް ނުވަހާސް ތިންސަތޭކާ ނުވަދިހަ ފަސް ރުފިޔާ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން މެދުވެރިކޮށް ތިރިސްހާސް ތިންސަތޭކަ ސާޅީސް ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ދައްކާފައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރި ކޮށް ޒަކާތުގެ ގޮތުގައި ތެއްތިރީސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ވަނީ ދައްކާފައެވެ.

މީގެ އިތުރުން ދިރާގު މެދުވެރިކޮށް ޒަކާތުގެ ގޮތުގައި ސޯޅަހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ އަދި އުރީދޫ މެދުވެރިކޮށް ތޭރަހާސް ހަތަރުސަތޭކަ އައްޑިހަ ވަނީ ޒަކާތުގެ ގޮތުގައި ދައްކާފައެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގައި ބަނޑު ކެއުމުގެ ގޮތުގައި އާންމުކޮށް ކައިބޮއި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިން ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އާދައިގެ ހަނޑޫނަމަ 15 ރުފިޔާ އެވެ. އަދި ތައިލެންޑު ހުދު ހަނޑޫނަމަ 45 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ އެވެ. ރަތް ހަނޑުލުން 75 ރުފިޔާ އެވެ. އާދައިގެ ފުށުންނަމަ 15 ރުފިޔާ އެވެ. އަދި އާޓާ ފުށުންނަމަ 60 ރުފިޔާ އެވެ.