ދައުލަތަށް ލިބެން ޖެހޭ 387 މިލިއަން ރުފިޔާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހާމަކޮށްފި އެވެ.

މީރާ އިން ބުނީ ނިމިދިޔަ ކުއާޓަރުގައި ދައުލަތަށް ލިބެން ޖެހޭ އެކަމަކު ނުލިބި ހުރި ފައިސާގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކަށް ހަނދާންކޮށްދީގެން 124 މިލިއަން ރުފިޔާ ހޯދާފައިވާ އިރު ޑިއުޒް ކްލިއަރަންސްގެ ގޮތުގައި މުއްދަތު އިތުރުކޮށް ދީގެން 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. އަދި ލީގަލް އެކްޝަން ނަގައިގެން 544،564 ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާއިން ބުނެ އެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެހީވެދީގެން 205 މިލިއަން ރުފިޔާ ހޯދާފައިވާއިރު ޓެކްސް ނުދައްކާ ކުންފުނިތަކުގެ ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާ އިން ވަނީ މައުލޫމާތު ދީފަ އެވެ.

މީރާ އިން ބުނީ އެކުންފުނިން މިދިޔަ ކުއާޓަރުގައި 204 އޮޑިޓެއް ކޮށް 184.4 މިލިއަން ރުފިޔާ އިތުރަށް ދައްކަން އަންގާފައިވާނެ ކަމަށެވެ.

މި މުއްދަތުގައި 16 މައްސަލައެއް މީރާއާ އެއްކޮޅަށް ނިމިފައިވާއިރު 15 ފަރާތަކުން އެކަމަށް އިއުތިރާޒުކޮށްފައިވާ ކަމަށްވެސް މީރާއިން ބުންޏެވެ. އަދި 13 ފަރާތަކުން މީރާއާ ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ.