މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވާ މައްސަލަ ހައްލުކުރެވޭނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން އޮފީހަށް ވަޑައިނުގެން މުސާރަ ނެންގެވުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެެވެ.

މިނިވަން މުއައްސަސާތަކަކީ ގާނޫނީގޮތުން މިނިވަން ތަންތަނަށްވާތީ އެ ތަންތަނަށް ސަރުކާރަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ބާރެއް މިވަގުތު ނެތް ކަން ފާހަގަކުރައްވަމުން ހޫދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަކީ އަހްލާގީ ގޮތުން އެހެން މީހުންނަށް ނަމޫނާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން އޮފީހަށް ނިކުމެ ވަޑައިނުގެން މުސާރަ ނަންގަވާ މައްސަލަތަކާ ގުޅިގެން ބައެއް ޝަކުވާތައް ރައީސް އޮފީހަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ހާއްސަކޮށް ރަމަޟާން މަހެއްގައި މިފަދަ ބޭފުޅުން މިހެން އަމަލުކުރުމަކީ އެއް ގޮތަކަށްވެސް ރަނގަޅު ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ތަރުޖަމާން ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވަމުން ގެންދަވަނީ ގާނޫނުތަކުގައި ހުރި ބާގަނޑުތަކެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން އާ މަޖިލީހާ އެކު އަވަސް ހައްލުތައް ހޯދެން ހުރި ކަންކަމުގައި އަވަސް ހައްލު ހޯދާނެ ކަމަށާއި އަދި ދިގު މުއްދަތުން ކުރަންހުރި ކަންކަން ވަކި އޮނިގަނޑެއްގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ސޮފްވާން އޮފީހަށް ނުނިކުންނަވާތާ ގާތްގަނޑަކަށް ހަމަސް ދުވަސް ވެފައިވާ ކަމަށް އެކޮމިޝަނުން ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އޮފީހަށް ނުނިކުންނަވާތާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް އޭސީސީން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މި ދެ ބޭފުޅުންނަށް 40،000 ރުފިޔާއަށް ވުރެ މަތީގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު ގަވައިދުން މުސާރަ ނަންގަވާ ކަމަށްވެސް އެކޮމިޝަންތަކުން ވަނީ ބުނެފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން ހާޒިރުވަނީ ހަމައެކަނި ކޮމިޝަނުން ބާއްވާ ބައްދަލުވުމަށް އެކަނި ކަމަށްވެސް ބައެއް ކޮމިޝަންތަކުން ވަނީ ބުނެފަ އެވެ.