އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ލެޑް ބޮކިތައް އެންވަޔަރަންމަންޓް މިނިސްޓްރީން ޔުޓިލިޓީޒް ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލެޑްބޮކިތައް ހަވާލުކުރީ ސްޓޭޓް އިލެކްޓްރިިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ)އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށެވެ.

ލެޑްބޮކިތައް ކުންފުނިތަކާ ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތުގެ ތައްޔާރީތައް ކަމާބެހޭ ފަރާތްތަކާއެކު މިހާރު ކުރަމުންދާ ކަމަށެވެ. އަދި ހަކަތަ ސަމަކާރަ ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހަކަތަ ސަމަކާރަ ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ކަރަންޓް އިސްރާފު ނުވާ ގޮތަށް ގެތައް އިމާރަތް ކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި ގެ އިމާރާތް ކުރުމަށްވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.

"ގޭގައި ބޭނުންކުރާ އޭސީ، ގެ އިމާރަތް ކުރުމަށް ބޭނުންކުރާ ތަކެތި، ގޭގައި ޖަހާ ބިއްލޫރި ފަދަ ތަކެތި ބޭނުންކުރާ ގޮތަކުން އެ ގެއަކީ އެނާޖީ އެފިޝިއެންޓް ގެއެއްތޯ ބެލަން އެބަޖެހޭ އަދި ހުރިހާ އިމާރާތްތަކަކީ ތިމާވެއްޓާ ރައްޓެހި އިމާރާތެއް ގޮތުގައި ހަދަނަ އެބަޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މާލޭގެ މަގުތަކުގައި ހުރި މަގު ބައްތިތައް ލެޑް ލައިޓްތަކަށް ބަދަލުކުރުމުގެ ޕްރޮގްރާމެއް ވެސް މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ފަށާފަ އެވެ.