ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދެމެހެއްޓުމުން ދޭހަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތު ހަރުދަނާކަން ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީގެ މާވަށު ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދެމެހެއްޓުމުން ދޭހަވަނީ ކުރީގެ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަކީ ދެމެހެއްޓެނިވި އަދި ހަރުދަނާ ސިޔާސަތެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ސިޔާސަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަކަން ކަމަށްވެސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިކަމުން ދައްކުވައިދެނީ ފިޗުން ރާއްޖެއަށް ކުރާ އިތުބާރު ކަމަށެވެ.

ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޫޑީސް އިންވެސްޓާސް ސާވިސް (ޖޫސް) އާއި ފިޗް ރޭޓިންސް (ފިޗް) އަށެވެ.

ފިޗް އިން ބުނީ ރާޢްޖެއަށް ދީފައިވާ ބީ ޕްލަސް ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ޚަރަދުގެ ނިސްބަތުން ބަލާއިރު ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް، އެކަށޭނަ ވަސީލަތްތައް ރާއްޖޭގައި ހުރިކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ.

ސޮވެރިން ކުރެޑިޓް ރޭޓިން އަކީ ދައުލަތެއްގައި ހުންނަ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރުމަށް އެ މަސައްކަތައް ހާއްސަ އިދާރާއަކުން ތައްޔާރު ކުރާ އެސެސްމަންޓުގެ ނަތީޖާއަށް ކިޔާ ނަމެކެވެ.